ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަަހައްޓަން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒަށް ނަރުހުން ލައިފި އެވެ.
އެ މަރުކަޒަށް ނަރުހުން ހަމަޖެއްސީ އެ ތާނގައި ނަރުހަކު ނެތި ތިން މަސްވެ ފާއިތުވީ ފަހުން އެ މައްސަލަ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީން ބަލަމުން ވެސް ދަނިކޮށެވެ.
ގުރައިދޫ މަރުކަޒުގެ ސީއީއޯ ޔޫޝައު ޝިހާން "އަވަސް" އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެ މަރުކަޒަށް އިންޑިއާ ދެ ނަރުހަކު ލާފައިވާ ކަމަށާއި އެ މަރުކަޒުގައި ހަ ނަރުހުން ތިބެން ލާޒިމް ކުރާތީ އިތުރަށް ހަތަރު ނަރުހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހެލްތު މިނިސްޓްރީއާއި ރައީސް އޮފީސް ގުޅިގެން ނަރުހުން ހަމަޖެއްސީ. ހެލްތު މިނިސްޓްރީގެ ދަށުގައި ތިބި އިތުރު ނަރުހުން ވެސް ވޯކް ޕާމިޓް ބަދަލު ކޮށްގެން މަރުކަޒަށް ހަަމަޖައްސަން މިހާރު މަސައްކަތް ކުރަމުން ދަނީ،" ޔޫޝައު ވިދާޅުވި އެވެ.
ގުރައިދޫއަކީ ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް ފަރުވާދީ އެމީހުން ބަލަހައްޓާ ތަނަަކަށް ވިޔަސް މިދިޔަ އަަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެތަނުގައި ސައިކޭޓްރިސްޓެއް ނުހުރެ އެވެ. އަދި މިދިޔަ ޑިސެމްބަރުން ފެށިގެން ޑޮކްޓަރަކު ވެސް ނެތެވެ.
ޔޫޝައު ވިދާޅުވީ އަންނަ ހަފުތާގައި އެ މަރުކަޒަށް ޑޮކްޓަރަކު ވެސް ހަމަޖެހޭނެ ކަމަށެވެ. ނަމަވެސް ސައިކޭޓްރިސްޓަކު ހަމަޖެހޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ގުރައިދޫ މަރުކަޒުގައި މިވަގުތު ދަނީ 196 މީހުން ބަލަހައްޓަމުންނެވެ. އޭގެ ތެރެއިން 157 މީހުންނަކީ ނަފްސާނީ މައްސަތަކާ ގުޅިގެން ބަލަހައްޓަމުންދާ މީހުން ނެވެ. އަދި ބާކީ 39 މީހުންނަކީ އުމުރުން ދުވަސްވުމާއި އަޅާލާނެ މީހަކު ނެތުން ފަދަ ކަންތައްތަކާ ގުޅިގެން ބަލަހައްޓަމުންދާ މީހުންނެވެ. ނަމަވެސް އެ މަރުކަޒުގައި ދުވަސްވީ މީހުންނާއި ނަފްސާނީ މައްސަލަތައް ހުންނަ މީހުންވެސް އެއް ތަނެއްގައި ބައިތިއްބާތީ އެޗްއާރުސީއެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލަ ހައްލުކުރެވޭނީ އާ އިމާރާތެއް އަޅައިގެން ކަމަށާއި އެކަން ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ޔޫޝައު ވިދާޅުވެ އެވެ.