މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ގުރައިދޫ މަރުކަޒުގައި ދޮށީ އުމުރުގެ މީހުންނަންދޭ ހިދުމަތްތައް ރަނގަޅުކުރަނީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަން ދެވޭ ހިދުމަތް ރަނގަޅު ކުރުމަށް ޖެންޑާ މިނިސްޓްރީން، އޭޖްޑް ކެއާ މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އޭޖްޑް
ކެއާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލް އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އައިޝާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އެމީހުން ބެލެހެއްޓުމަށް ތިބޭ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިފަދަ ޕްރޮގްރާމް ތަކަކީ ހުރިހާ ފަރާތްތަކަކަށްވެސް ނުހަނު ބޭނުންތެރި ޕްރޮގްރާމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އޭޖްޑް ކެއާ އާއި އެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުންދޭ ހިދުމަތްތަކަށް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޑރ. އާމިނަތު ޖަމީލް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"ދޮށީ އުމުރުގެ މީހުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމެއް. މިއީ ރަނގަޅު ފެށުމެއް." ޑރ. އާމިނަތު ޖަމީލް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތްތައް ރަނގަޅުކޮށް ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް ގާއިމު ކުރުމުގައި އެހީތެރިވުން ކަމަށެވެ.