ހަބަރު

ފުލުހަކު ދެ ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

May 27, 2019

ފުލުހަކު ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލަން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ ދެ ކުޑަ ކުއްޖައާ ބެހިފައިވަނީ ދެ ފަހަރެއްގެ މަތިންނެވެ. އެންމެ ފުރަތަމަ ކުއްޖަކާ ބެހުނު މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހު އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނުލިބި އެމައްސަލަ ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.

ދެވަނަ ކުއްޖަކާ އޭނާ ބެހުނު މައްސަލަ ފެންމަތި ވެފައިވަނީ މިދިޔަ މާޗް މަހު އެވެ. ފުލުހުން ބުނީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެ ފުލުސް މީހާ މިވަގުތު ހުރީ ނޯޕޭ ލީވެއް ނަގައި ސްރީލަންކާއަށް ގޮހެވެ.

ފުލުހަކު ދެ ކުއްޖަކާ ބެހުނު މައްސަލައެއް ބަލަމުންދާއިރު، ހުޅުމާލޭގައި ހަ އަހަރާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފަ އެވެ. އެ މައްސަލާގައި 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.