ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމަމަށް މ. އަތޮޅު އަދި ބީރައްޓެސެވެ. ސަބަބަކީ މާލެއާ އެ އަތޮޅު ދުރުވުމެވެ. އަދި މ. އަތޮޅުގައި ރިސޯޓުތައް ނެތުމެވެ. އެހެންވެ މުޅި މި އަތޮޅުގައި ވެސް ގެސްޓްހައުސް ވިޔަފާރި އަދި އޮތީ ފަނޑުކޮށެވެ. ގޭގޭގައި ވަކިން ކުލީ ކޮޓަރި ވިއްކި ނަމަވެސް ގެސްޓްހައުސްއެއްގެ ގޮތުގައި ހިންގާ ތަނެއް ނެތެވެ. ނަމަވެސް މީގެ ހައެއްކަ މަސް ކުރިން މަޑުއްވަރީގައި ހުޅުވި ވުންޑަބާ އިން ވެގެންދަނީ މުޅިން ތަފާތު ހިދުމަތެއް ދޭ ތަނެއްގެ ގޮތުގަ އެވެ. ގެސްޓުންނަށް ފުރިހަމަ ހިދުމަތް ދޭއިރު މި ގެސްޓްހައުސްގެ އެންމެ ބޮޑު ޒިންމާއަކީ މުޅި އަތޮޅު ދުނިޔޭގައި ޕްރޮމޯޓް ކުރުމެވެ.
"ހަގީގަތުގައި ގެސްޓްހައުސް ޕްރޮމޯޓް ކުރުމަށްވުރެ ކުރަން މި ޖެހެނި އަތޮޅު އިސްތިހާރު ކުރުމުގެ މަސައްކަތް. އެހެންވެ، ދެ ބައިއެއްކޮށް ކުރިއަށް މި ގެންދަނީ. ރަށްވެސް، މުޅި އަތޮޅު ވެސް، ގެސްޓްހައުސް ވެސް ޕްރޮމޯޓް ކުރަން ޖެހޭ،" ވުންޑަބާ އިން ގެސްޓްހައުސްގެ އެއް އޯނަރު ކަމަށްވާ ހަސަން އަމްޖަދު ވިދާޅުވި އެވެ.
ހަތަރު ކޮޓަރި، ފުރިހަމަ ހިދުމަތެއް
ހަތަރު ކޮޓަރީގެ މި ގެސްޓްހައުސްގައި ރެސްޓޯރެންޓާއި މޫދު ކުޅިވަރުގެ ހިދުމަތްތައް ލިބެން ހުރެ އެވެ. މިިއީ މި ސްކޭލްގައި މުޅި އަތޮޅުގައި ވެސް ފެށި މި ފަދަ ފުރަތަމަ ވިޔަފާރި އެވެ. ގެސްޓްހައުސް ފެށިތާ އަހަރެއްވީއިރު އަތޮޅު ޕްރޮމޯޓް ކުރުމުގައި ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ.
"މި ސަރަހައްދަށް އާ ކަމެއް މިއީ. އެކަމަކު މިހާރު އެބަ ރަނގަޅުވޭ. މިހާރު އެބަ އާދެ ޔޫރަޕު މީހުން ވެސް، އޭޝިއިން ބަލާނަމަމެލޭޝިއާ މީހުން އާދެ. އިންޑިއާ މީހުންނާއި ޕާކިސްތާނު އަދި ސްރީލަންކާ މީހުން ވެސް އާދެ،" އަމްޖަދު ވިދާޅުވި އެވެ.
"މިކޮޅަށް އަންނަ މީހުންއެއް ވެސް ފޫހިކަމެއް ނެތި ޗުއްޓީ ހޭދަކޮށްލޭ ވަރަށް ފެސިލިޓީސް އަޅުގަނޑުމެން ދެން. އެކްސްކާޝަން އަށް ދާން ބޭނުންވާ ހުރިހާ ވަސީލަތް ތަކެއް ވެސް ދެން. އެންމެ މުހިންމު ކަމަކީ ގެސްޓުންގެ ރިވިއު. މިހާތަނަށް އައި މީހުންގެ ރިވިއު ވަރަށް ރަނގަޅު. މިއީ ކާމިޔާބީއެއް."
މައްސަލައަކީ އަތޮޅު ތެރޭގައި ދަތުރުފަތުރު ނެތުން!
އަމްޖަދު ވިދާޅުވި ގޮތުގައި މި ވިޔަފާރީގައި އޮތް އެއް ގޮންޖެހުމަކީ މަޑުއްވަރި އަށް ކުރާ ލޯންޗް ދަތުރުތައް މަދުވުމާއި އަތޮޅު ތެރޭގެ ޓްރާންސްޕޯޓް ވީކްވުމެވެ.
"ގެސްޓުން އުފުލަކީ ސްޕީޑް ލޯންޗް ފެރީގައި. މި ހިދުމަތް ރަނގަޅު. ކޮޅަކަށް 500ރ. އަށް. މި އަގަކީ ގެސްޓުންނަށް މައްސަލައެއް ނޫން. ކަނޑު މަޑިއްޔާ ދެ ގަޑިއިރުގެ މި ދަތުރުގައި ގެސްޓުންނަށް ވަނީ ތަފާތު އެކްސްޕީރިއަންސް އަކަށް. އެކަމަކު އަތޮޅު ތެރޭގައި ފެރީގެ ހިދުމަތް ނެތުމަކީ ގޮންޖެހުމެއް."
ދިވެހިންނަށް ވަރަށް ހާއްސަ
ވުންޑަބާ އިން ގެސްޓްހައުސް ހާއްސަ ވަނީ ހަމައެކަނި ބޭރު މީހުންނަށް އެކަންޏެއް ނޫނެވެ. މިތަނުން ދިވެހިންނަށް ހާއްސަ ޕެކޭޖުތައް ވެސް ވިއްކަ އެވެ.
"ދިވެހި އާއިލާތައް އެއްކޮށް ގޮސް ޗުއްޓީ ހޭދަ ކޮށްލަން ރަނގަޅު ފުރުސަތެއް މިއީ،" އަމްޖަދު ވިދާޅުވި އެވެ.
އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޑުއްވަރި ވުންޑަބާ އިން ހަތަރު މީހުން މަސައްކަތް ކުރެ އެވެ. މުވައްޒަފުންގެ ގޮތުގައި ހަރަކާތްތެރިވަނީ މުޅިން ވެސް އާއިލާ މެންބަރުންނެވެ.