މޯލްޑިވްސް ޕޮލިސް ސާވިސް

ގެސްޓްހައުސް ތެރެއިން ފެނުނު މީހާއަށް ވަނީ އަނިޔާކޮށްފައި

ހެންވޭރު ގެސްްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި ޒަހަމްވެފައި އޮއްވާ ފެނުނު މީހާއަށް ބަޔަކު އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގެސްޓްހައުސްގައި ޒަހަމްވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި ފިރެހެނެކެވެ.

ފުލުހުން ބުނީ އޭނާގެ ހަބަރެއް ނުވާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން މިއަދު އެތަނަށް ގޮސް ބެލިއިރު އޭނާ ފެނިފައިވަނީ ޒަހަމްތަކަކާ އެކު އޮއްވާ ކަމަށެވެ.

މި މީހާއަށް ބަޔަކު އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

އަނިޔާވި މީހާ މިއަދު އައިޖީއެމްއެޗްއަށް ގެންގޮސް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެެވެ.

މި މީހާ ގެސްޓްހައުސް އިން ނެރެގެން ގެންދާ މަންޒަރުގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު އޭނާގެ މޫނު ދުޅަވެފައިވާކަން ވީޑިއޯ އިން އެނގެ އެވެ.

ފުލުހުން ދަނީ ގެސްޓްހައުސް ތެރޭގައި ހަރަކާތްތެރިވަމުންނެވެ.