ހަބަރު

ރީބްރޯޑްކާސްޓަރުންގެ ޖޫރިމަނާ މާފުކުރަން އޭޖީގެ ލަފައަކަށް އެދިއްޖެ

ބައެއް ރީބްރޯޑްކާސްޓަރުންގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދެވޭނެ ގާނޫނީ ހަމައެއް އޮތްތޯ ބަލައި ދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެޓާނީ ޖެނަރަލް (އޭޖީ) ގެ ލަފައަކަށް އެދިއްޖެ އެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލައިސަންސް ނެތި ނުވަތަ ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގައި މިދިޔަ ދެ އަހަރު 29 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 ފަރާތަކުން މިހާތަނަށް ޖޫރިމަނާ ދައްކާފައިނުވާ ކަން ކޮމިޝަނުން ފާހަގަކުރި އެވެ.

ޖޫރިމަނާ ނުދެއްކި ތިބި ފަރާތްތަކުން ޖޫރިމަނާ މާފުކޮށްދިނުމަށް އެދި ބްރޯޑްކޮމްއަށް ވަނީ ހުށަހަޅާފަ އެވެ. މިގޮތުން އެ ފަރާތްތަކަކީ ރަށްރަށުގައި ކުދި ވިޔަފާރިކުރާ ފަރާތްތަކަކަށްވާތީއާއި ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދެވިފައިވާ ކަމަށް އެ ފަރާތްތަކުން ބްރޯޑްކޮމްއަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ކުންފުނިތަކުގެ ހާލަތަށް ރިއާޔަތްކޮށް ޖޫރިމަނާ މާފުކުރެވޭނެ ގާނޫނީ ހަމައެއް އޮތްތޯ ބަލަން ބްރޯޑްކޮމްއިން ބޭނުންވާތީވެ އެ ކަމުގެ ލަފައަކަށް އެދި އޭޖީއަށް ހުށަހަޅަން ނިންމީ ކަމަށް ބަޔާނުގައިވެ އެވެ.