ހަބަރު

އެމްޕީއެލްގެ ލޭންޑިން ކްރާފްޓްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

އެމްޕީއެލަށް ގަތް ލޭންޑިން ކްރާފްޓެއްގެ މައްސަލާގައި އެ ކުންފުނީގެ ކުރީގެ އިސްވެރިޔެއްގެ މައްޗަށް ދައުވާ ކުރަން އެދި އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވައިފި އެވެ.

މި މައްސަލައިގައި އޭސީސީން ދައުވާ ކުރަން ފޮނުވާފައި ވަނީ، އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި ބޭފުޅެއްގެ މައްޗަށެވެ. މިއަދު އޭސީސީން ބަޔާނެއް އެ މައްސަލާގައި ނެރުނު އިރު ދައުވާ ކުރަން ބޭނުންވާ ފަރާތުގެ ނަން އާންމުކޮށްފައެއް ނުވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލަ ބެލި އިރު ލޭންޑިން ކްރާފްޓް ގަތުމަށް އިންސްޕެކްޝަނެއް ހެދުމުގެ ޒިންމާ އެމްޕީއެލްގެ ބޯޑުން ހަވާލުކޮށްފައި ވަނީ އެ ދުވަސްވަރު އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ އިސްވެރިޔާއާ ކަން ތަހުގީގަށް ލިބުނު ލިޔުންތަކުން އެނގޭ ކަމަށެވެ. ލޭންޑިން ކްރާފްޓުގެ އިންސްޕެކްޝަން ހަދަން އެ ދުވަސްވަރު އެމްޕީއެލްގެ އިންޖިނިއަރިން ޑިޕާޓްމަންޓުގެ އިސްވެރިޔާއާއެކު ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ އިންޑޮނޭޝިއާއަށް ދަތުރު ކުރެއްވި ކަން އެނގުނު ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެދުވަސްވަރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޕޮލިސީގައި، އެ ކުންފުނިން ހަދާ އެއްބަސްވުންތަކުގައި ހިމަނަން ޖެހޭނެ ކަމަށް ބުނެފައިވާ ބައެއް މާއްދާތައް، ލޭންޑިން ކްރާފްޓް ގަތުމުގެ އެއްބަސްވުމުގައި ހިމަނާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށް އޭސީސީގެ ބަޔާނުގައި ބުނާއިރު އިންވޮއިސްގައި ބުނެފައިވާ ބްރޭންޑްގެ އިންޖީނު ނެއްކަން އެނގެން އޮއްވާ ވެސް، އެ ލޭންޑިން ކްރާފްޓް ގަތުމަށް އެއްބަސްވުން ހެދުމަށްފަހު އިސްވެރިޔާ ސޮއިކޮށްފައިވާ ކަމަށް ބަޔާން ބުނެ އެވެ.

އޭސީސީން ބުނި ގޮތުގައި މި މުއާމަލާތުގެ އެޑްވާންސް ފައިސާގެ ގޮތުގައި 3.6 މިލިއަން ރުފިޔާ ލޯކަލް އެޖެންޓަށް ދައްކާފައިވެ އެވެ. އަދި ފައިސާ ދެއްކީ އެމްޕީއެލްގެ ޕްރޮކިއުމަންޓްގެ އިސްވެރިޔާ، އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވި މެމޯއަކަށެވެ. އެ ފައިސާ ދައްކާފައިވަނީ ލޭންޑިން ކްރާފްޓު ގަތުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިންނެވެ. އެހެންވެ އެއީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ ކުރައްވާފައިވާ ކަމެއްކަން ތަގުގީގަށް އެގުނެވެ.

އުޅަނދު މާލެ ގެނެސް އެމްޕީއެލްގެ އިންޖިނިއަރިން ޑިޕާޓްމަންޓުން އިންސްޕެކްޓް ކުރި އިރު އުޅަނދުގެ ކޮންޑިޝަން ރަނގަޅު ނޫން ކަމަށާއި، އަސްލު އުޅަނދާ އަޅާބަލާއިރު، ގިނަ ތަފާތުތަކެއް ހުރިކަން ވެސް ފާހަގަ ކުރެވުނު ކަމަށް އޭސީސީ ބުންޏެވެ. އަދި ބުނީ ޕްރޮކިއުމެންޓް އިސްވެރިޔާ މި އަމަލު ހިންގާފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭށެވެ.