މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 300 އަށްވުރެ ގިނަ ގެއަށް ފެންވަދެގެން ގެއްލުންވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ. ޖުމްލަ އަދަދަކީ 368 އެވެ.
ޑިޒާސްޓާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގައި ކަމަށެވެ.
އޭނާ ވިދާޅުވީ، ވިއްސާރާގައި 16 ރަށެއްގައި ފެންބޮޑުވެގެން އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ނަޖިސް ލީކްވެގެން ހެލްތް ސެންޓަރުތަކާއި އެޗްޕީއޭއާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ރޭގަ ހިނގި އޮޕަރޭޝަންގައި މިހާތަނަށް ހިންގި އެސެސްމެންޓްން ދައްކާގޮތުން މިރަށްރަށުން 368 ގެއަށް ފެންވަދެފައިވޭ މިއަދަދު އަދި އިތުރުވާނެ ކަމަށް ބެލެވެނީ، ސީދާ އަސްލު އަދަދު ކަލްކިއުލޭޓް ކުރެވޭނީ މިއަދުގެ މެންދުރު ފަހުގެ އެސެސްމެންޓް ނިމުމުން،" ހަސަން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޑިޒާސްޓާގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އޮފިސަރު އުމަރު ފިކުރީ ވިދާޅުވީ، މިވަގުތު ގިނަ ރަށްރަށުގައި ފެންބޮޑުވެފައިހުރީ މަގުތަކުގައި ކަމަށާއި މިހާރުވެސް މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ރަށެއް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ރަށެއްގައިވެސް ހަމަ ގާތްގަނޑަކަށް އާންމު ހާލަތަކަށް އައިސްފަ އޮތް ކަމަށް އަޅުގަނޑުމެންނަށް އެންމެ ފަހުގެ މައުލޫމާތުން މި އެނގެނީ، އަދިވެސް ފެން ހުރި ރަށެއްގައިވިއްޔާ މިހާރު ހަމަ އެކަނި މަގުތަކުގައި ފެން ހުރިކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ، އަދި މަގުތަކުން ފެން ހިންދުމުގެ މަސައްކަތްތައްވެސް ވަރަށް ބާރު ސްޕީޑެއްގައި މިވަގުުތު ހަމަ ކައުންސިލުތަކާ ޕޮލިސް، އެމްއެންޑީއެފްއާ ގުޅިގެން ކުރަމުންދާ ކަމަށް،" އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ، މިހާތަނަށް މީހުން ބަދަލުކުރަން ޖެހިފައިވަނީ 15 ގެއަކުން ކަމަށާއި އެގެތަށްވެސް އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޑިޒާސްޓާއިން އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދީ ގެއްލުންތައް ބަލަމުންދާ ކަމަށެވެ.
މޫސުމާބެހޭ މައި އިދާރާއިން ބުނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. މެދުތެރޭގެ އަތޮޅުތަކުގައި ކަނޑުތަށް އާންމުކޮށް ގަދަވާނެ ކަމަށެވެ. ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައި ގަދަވާނެތީ މޫސުމަށް ސަމާލުވާން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.