ޝަލަބީ އިބްރާހިމް

ޝަލަބީގެ މަދަހަ އަލްބަމް، "ހިދާއީ ނޫރު 3" ނެރެފި

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ތިން ވަނަ މަދަހަ އަލްބަމް ނެރެފި އެވެ.

އެއް އަހަރުގެ ބްރޭކަކަށްފަހު ޝަލަބީގެ ތިން ވަނަ މަދަހަ އަލްބަމް ނެރުނީ އިއްޔެ ހަވީރު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަލްބަމް ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

އިއްޔެގެ އެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ގުރުއާން ކިޔެވީ ވެސް ޝަލަބީ އެވެ. ޝަލަބީގެ ގުރުއާން ކިޔެވުމަށް ތައުރީފް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ހިތަށް އުފާވެރިކަން ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި ވިދާޅުވީ ޝަލަބީ އަކީ ޒުވާނުންނަށް ހުރި ނަމޫނާއެއް ކަމަށެވެ.

ޝަލަބީގެ މި މަދަހަ އަލްބަމްގައި ވެސް ހަތް މަދަހަ ހިމެނެ އެވެ. މަދަހަތައް ރިކޯޑުކޮށްފައިވަނީ ހައުސް އޮފް މިއުޒިކާއި ގުޅިގެނެވެ. އެ މަދަހަތައް ބައިސްކޯފް އެޕް މެދުވެރިކޮށް އަޑުއަހާލެވޭނެ އެވެ. މި އަލްބަމްގެ ޅެންތައް ހަދާދީފައިވަނީ ނަސްމާ އަބްދުލް މުހުސިނާއި އަހުމަދު ޝަރީފެވެ.

ޝަލަބީ ބުނި ގޮތުގައި އަންނަ އަހަރުވެސް އޭނާގެ މަަދަހަ އަލްބަމެއް ނެރޭނެ އެވެ.