ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކުރި ގޮތް ގޯސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިނގިރޭސި ސަރުކާރުން އަލީ ވަހީދަށް 20،000 ޕައުންޑް ދޭން ޖެހިއްޖެ އެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކުރީ އެ ގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ގައުމުގެ ފުލުހުން ފަހުން ވަނީ އަލީ ވަހީދު ދޫކޮށްލާފަ އެވެ.
އަލީ ވަހީދު ހައްޔަރުކޮށް ދޫކޮށްލި ނަމަވެސް އޭނާގެ ރާއްޖޭގެ ގާނޫނީ ޓީމާއި އިނގިރޭސިވިލާތުން އެކުލަވާލި ގާނޫނީ ޓީމުން ވަނީ އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފަ އެވެ.
"އަޅުގަނޑުމެން ގުޅިފައިވާ ވަކީލުންގެ ޓީމުން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނުހަނު އަވަހަށް އަލީ ވަހީދު ބަންދުން މިނިވަންވެގެން ދިއުމުގެ އިތުރަށް އޭނާ ބަންދުކުރެވުނީވެސް އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއްެ މައްޗަށް ބިނާކޮށް، އިނގިރޭސިވިލާތުގެ ގާނޫނާ ވެސް ހިލާފަށްކަން މިއަދު މިވަނީ ހާމަވެގެން ގޮސްފަ އެވެ." އަލީ ވަހީދުގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިމައްސަލައިގައި އިނގިރޭސި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ އަލީ ވަހީދު ހައްޔަރުކުރެވުނީ ގާނޫނާ ހިލާފަށް ކަމަށް އެއްބަސްވެ އެކަމަށް މައާފަށް އެދިފަ އެވެ. އެހެންވެ އަލީ ވަހީދަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ސްޓާލިން ޕައުންޑް -- 389،351 ރުފިޔާ -- ދިނުމަށް އިނގިރޭސި ސަރުކާރުން ވަނީ ނިންމާފަ އެވެ.
"ވަގުތު ނެގިއަސް ހައްގަށް ނަސްރު ލިބޭނެ. ހަމްދު ކުރަނީ ހެއްދެވިފަރާތަށް. އާމީން،" އަލީ ވަހީދަށް ބަދަލު ދޭންޖެހުމާ ގުޅިގެން އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދު އިނިރޭސިވިލާތުން ހައްޔަރުކުރީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް ސިއްހީ ފަރުވާއަށް އެ ގައުމަށް ވަޑައިގެންނެވި ފަހުންނެވެ. ނަމަވެސް އަލީ ވަހީދަށް ކުރި ދައުވާތައް މިއަހަރުގެ ޖޫން ހަވަނަ ދުވަހު ދައުލަތުން އަނބުރާ ގެންދިއުމާ ގުޅިގެން އަލީ ވަހީދު ވަނީ މިއަހަރުގެ ޖުލައި 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފަ އެވެ.