އެމްޑީޕީގެ ރައީސް އަބުދުއްﷲ ޝަހިދު އިނގިރޭސިވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރި ކުރުމުން އެމްޑީޕީގެ ގައުމީ މަޖުލީހުގެ ބައެއް ބޭފުޅުން ނުރުހުން ފާޅުކޮށްފި އެވެ.
ޝާހިދުގެ ދަތުރުގައި އަލީ ވަހީދު ބައިވެރިކުރުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ނުރުހުންވީ މިދަތުރުގެ ފޮޓޯތައް އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާކުރުމާ އެކު އާންމުންގެ ފާޑުކިޔުންތައް އެމްޑީޕީއަށް އަމާޒުވުމުންނެވެ.
އާމުންގެ ފާޑުކިޔުން އަމާޒުވީ ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ވަހީދު ހުންނަވަނިކޮށް މަގާމުން ވަކިކުރެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވިގެން ކަމަށްވެފައި އެފަދަ ބޭފުޅަކު ޕާޓީގެ ރައީސްއާ އެކު ބައްދަލުވުންތަކުން ފެނިގެން ދިއުމުންނެވެ.
އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕްގައި މިކަމުގެ ކަންބޮޑުވުން އެންމެ ބޮޑަށް ފާޅުކުރެއްވި އެއް ބޭފުޅަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިބްރާހީމް ވަހީދު އެވެ.
އިބްރާހީމް ވަހީދު ވަނީ ވަޓްސްއަޕް ގުރޫޕްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒުއާ ސުވާލެއް ކުރައްވާފަ އެވެ. އެގޮތުން އިބްރާހީމް ވަހީދު ވަނީ އެމްޑީޕީގެ އެއްވެސް މަގާމެއްގައި މިވަގުތު ނެތް އަލީ ވަހީދު އެ ޕާޓީގެ ރައީސް ޝާހިދުއާ އެކު އިނގިރޭސިވިލާތަށް އަދި ބައްދަލުވުންތަކަށް ވަޑައިގަތީ އެމްޑީޕީ ތަމްސީލުކުރައްވަންތޯ އައްސަވާފަ އެވެ. އެހެން ކަމުގައިވާނަމަ އެކަން ޕާޓީން ނިންމަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އިބްރާހީމް ވަހީދަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ ޝާހިދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރަކީ "އަމިއްލަ" ދަތުރެއް ކަމަށެވެ.
ފައްޔާޒު ދެއްވި ޖަވާބާ ގުޅިގެން އިބްރާހީމް ވަހީދު ވިދާޅުވީ ޝާހިދުގެ ދަތުރަކީ ރަސްމީ ދަތުރެއް ނޫން ކަން ސާފުވެއްޖެ ކަމަށެވެ. އޭގެފަހުގައި އިބްރާހީމް ވަހީދު އެދިވަޑައިގަތީ ކޮންމެ ބޭފުޅަކު ކޮންމެ ދަތުރެއް ކުރެއްވި ނަމަވެސް އެމްޑީޕީއަށް ގެއްލުންވާ ކަހަލަ ތަކެތި ޕާޓީގެ ރަސްމީ އެކައުންޓްގައި ޕޯސްޓް ނުކުރުމަށެވެ.
އިބްރާހީމް ވަހީދުގެ މެސެޖަށް ޝާހިދު ދެއްވީ "އާދެ، އާދެ،"އޭ ވިދާޅުވެ ކުރު ޖަވާބެކެވެ. ނަމަވެސް އޭނާ ބައްދަލުކުރަންޖެހޭ މީހުންނާއި ބައްދަލުކުރާއިރު ބައިވެރިކުރާނެ މީހުން ޕާޓީ ސެކްރެޓިއޭޓުން ނިންމަވާ ގޮތަށް އޮވޭތޯ ޝާހިދުވެސް ސުވާލެއް ކުރެއްވި އެވެ.