އަލީ ވަހީދު

ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަލީ ވަހީދު ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާނެކަން އަލީ ވަހީދު މިއަދު އިއުލާނު ކުރައްވައިފި އެވެ.

އަލީ ވަހީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުއްޓަށް ހައްގު އިންގިލާބީ ބޮޑު ބަދަލު ހޯދުމަށްޓަކައި ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުންމައްޗަކަށް އަމާޒު ހިފުމަށް 20 ވަނަ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ހިދުމަތްކުރަން ގަސްތު ކުރައްވާ ކަމަށެވެ.

އަލީ ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަލުން އެ ޕާޓީއަށް ސޮއިކުރެއްވީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

އަލީ ވަހީދު ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ.