ހަބަރު

އީރާން ޓޮމާޓޯ ގިނައިން އެތެރެކުރާ ގައުމުތަކުގެތެރޭ ރާއްޖެ

Jun 1, 2019
1

އީރާނުން އެންމެ ގިނައިން ޓޮމާޓޯ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އީރާންގެ ނޫސްތަކުގައިވާ ގޮތުން މި އަހަރުގެ މާޗުން އެޕްރީލް މަހުގެ ނިޔަލަށް އެ ގައުމުން 98 ޓަނުގެ ޓޮމާޓޯ ވަނީ އެކްސްޕޯޓުކޮށްފަ އެވެ.

މެދު އިރުމަތީގެ އެ ގައުމުން ޓޮމާޓޯ އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަރްމީނިއާ އާއި އަފްޣާނިސްތާން އަދި ޔޫކްރެއިނާއި ޕާކިސްތާން އަދި ތުރުކުމެނިސްތާން އާއި ސީރިއާ އަދި އިރާގުގެ އިތުރުން ރާއްޖެ އާއި ކަޒަކިސްތާން އަދި ގަތަރާއި ޖޯޖިޔާ އަދި އަޒަރުބައިޖާން ހިމެނެ އެވެ.

ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާ އެ ގައުމުގެ ކަސްޓަމްސް ތަފާސް ހިސާބުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި މި ގައުމުތަކަށް ދެ މަސް ދުވަހުގެ ތެރޭގައި ޓޮމާޓޯ އެކްސްޕޯޓުކޮށްގެން 50 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ވަނީ ލިބިފަ އެވެ. އަދި މި މުއްދަތުގައި އެކްސްޕޯޓް ކުރި އަދަދު ވަނީ 53 ޕަސެންޓް އިތުރުވެފަ އެވެ.

ރާއްޖޭގެ ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެޕްރީލް މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާ އިންނެވެ. ތިންވަނައަށް ސިންގަޕޫރުންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑުންނެވެ. ދެވަނަ އަށް އެމެރިކާ އިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓުކުރީ ޖަރުމަނު ވިލާތުންނެވެ.