އިމްޕޯޓް އެކްސްޕޯޓް

އިމްޕޯޓް އިތުރުވެ، އާމްދަނީ 59 ޕަސެންޓް މައްޗަށް

Jul 29, 2021

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 59 ޕަސެންޓް މައްޗަށް ޖެހިލާފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި އަހަރުގެ ޖޫން މަހު އެ އަދަދު ވަނީ ތިން ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 59 ޕަސެންޓުގެ އިތުުރު ވުމެކެވެ.

އިމްޕޯޓް އިތުރު ވުމުގެ ސަބަބުން ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 59 ޕަސެންޓް އިތުރުވެފައި ވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު 156 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު މި އަދަދު ވަނީ 247 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ އޮމާން، ޗައިނާ އަދި ސިންގަޕޫރުންނެވެ. އޮމާން އިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު ޗައިނާއިން 391 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 354 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވެ އެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން އެކްޕޯޓްކޮށްފައި ވަނީ ތައިލޭންޑް، ޖަޕާން އަދި ޖަރުމަނަށެވެ. ތައިލޭންޑަށް 30 ޕަސެންޓް މުދާ އެކްޕޯޓް ކޮށްފައިވާއިރު ޖަޕާނަށާއި ޖަރުމަނަށް އެކްސްޕޯޓް ކޮށްފައި ވަނީ 16 ޕަސެންޓް މުދަލެވެ.