ވިޔަފާރި

ޑިސެމްބަރު މަހު ރާއްޖޭގެ އިމްޕޯޓު 40 ޕަސެންޓް ދަށަށް

ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެމްބަރާ މަހާ އަޅާ ބަލާއިރު މިދިއަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިމްޕޯޓު 40 ޕަސެންޓް ދަށްވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އިމްޕޯޓް އުޅެނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި 2019 ވަނަ އަހަރު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 359 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ދައުލަތަށް ލިބުނީ 252 މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓު ދަށް ވުމެކެވެ.

ކަސްޓަމުން ބުނި ގޮތުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އިން އެކްސްޕޯޓު ކޮށްފައިވަނީ 425 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އެކްސްޕޯޓު އުޅެނީ 459 މިލިއަން ރުފިޔާގަ އެވެ. އެއީ އަށް ޕަސެންޓު އިތުރު ވުމެކެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ އާއި ޔޫއޭއީ އަދި އިންޑިއާ އެވެ. ޗައިނާ އަދި ޔޫއޭއީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައިވެ އެވެ.