ހަބަރު

އިމްޕޯޓް / އެކްސްޕޯޓުގެ އާމްދަނީ 66 ޕަސެންޓް ދަށަށް

މިދިޔަ މަހު، ރާއްޖޭން ބޭރު ކުރި މުދަލާއި އެތެރެކުރި މުދަލުން، ދައުލަތަށް ލިބުނު އާމްދަނީ 66 ޕަސެންޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ދައުލަތަށް އިމްޕޯޓް/ އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 297 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 102 މިލިއަން ރުފިޔާ އެވެ. މިއީ 66 ޕަސެންޓުގެ ދަށްވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް އިމްޕޯޓް ވެސް މި އަހަރާ އަޅާބަލާއިރު ވަނީ 35 ޕަސެންޓަށް ވެއްޓިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދު ވަނީ 2.1 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓް ނުވަތަ ބޭރުކުރި މުދަލުގެ މިންވަރު ވެސް ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ދެ ޕަސެންޓް ދަށްވެފަ އެވެ. އެކްސްޕޯޓު ކުރެވުނު މުދަލުން 256 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ލިބުނެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓް މަހުގެ އާމްދަނީ އަކީ 251 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ފާއިތުވި މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ އާއި އިންޑިއާ އަދި ސިންގަޕޫރެވެ. ޗައިނާ އިން 429 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 293 މިލިއަން އަދި ސިންގަޕޫރުން 254 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.