އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބުދުއްލާހިޔާން ވިދާޅުވި ގޮތުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ހުޅަނގާއެކު ދައްކަމުންދިޔަ ވާހަކަތައް ލަސްތަކެއް ނުވެ އަލުން ފެށިދާނެ އެވެ.
ހުސައިން އަމީރު އަބްދުއްލާހިޔާން ވިދާޅުވީ ވިއޭނާގައި ކުރެވެމުންދިޔަ މަޝްވަރާތައް އަލުން ފެށުމާ ބެހޭ ގޮތުން އީރާންގެ ކެބިނެޓްގައި މަޝްވަރާކުރެވިފައިވާ ކަމަށާއި ސަރުކާރުން ހުށަހަޅާ ގޮތަށް ކެބިނެޓުން ފާސްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމެރިކާއާ ވިލާތާއެކު އީރާނުން ވިއެނާގައި ބޭއްވި ނިއުކްލިއާ މަޝްވަރާ ބައްދަލުވުންތައް މެދުކަނޑާލަން ޖެހުނީ އީރާނުން އެދުނު އެދުމަށެވެ. އެއީ އީރާންގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތުމުންނެވެ. އަދި ވެރިކަން ބަދަލުވެގެން ދާއިރު ރައީސަކަށް ހުންނެވި ހަސަން ރޫހާނީ ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާތީ އެވެ.
އީރާނުން އެއިރު ބުނެފައި އޮތީ ރިޔާސީ އިންތިހާބަށް ފަހު އަދި އިބްރާހީމް ރައީސީ އޮފީހާ ހަވާލުވެ ވަޑައިގަތުމުން ނިއުކްލިއާ މަޝްވަރާތައް އަލުން ތާވަލްކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ރައީސީ މަގާމާ ހަވާލުވެ ވަޑައިގެން އެތައް ދުވަހެއް ފާއިތުވެ ދިއައިރު ވެސް މަޝްވަރާތައް އޮތީ ހުއްޓިފަ އެވެ.
އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުއްލާހިޔާން ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފްއާ ބައްދަލުކުރައްވައި ނޫސްވެރިންނަށް ވިދާޅުވީ ނިއުކްލިއާ މަޝްވަރާތައް ލަސްކުރުމުގެ ވިސްނުމެއް އީރާން ނުގެންގުޅެ އެވެ. އޭނާ ވިދާޅުވީ އީރާން ކެބިނެޓުން ގޮތެއް ނިންމާއިރަށް މަޝްވަރާތައް ފަށާނެ ކަމަށެވެ.
ދެގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ދުނިޔޭގެ ހާލަތާ ބެހޭ ގޮތުން ވެސް ވަނީ ވާހަކަދައްކަވާފަ އެވެ. އީރާންގެ ނިއުކްލިއާ އެއްބަސްވުން ގެންދާނެ ގޮތަކާ ބެހޭ ގޮތުން ރަޝިއާގެ ޚިޔާލަކީ ވެސް އީރާނަށް ވަރަށް މުހިންމު ނަސޭހަތަކަށް ވާނެ އެވެ.
އީރާންގެ ފޮރިން މިނިސްޓަރު ވިދާޅުވީ ރަޝިއާ އަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި ދެގައުމު ގުޅިގެން އަސްކަރިއްޔާ ކުރިއަރުވާނެ ކަމަށެވެ. އަދި އިގުތިސޯދީ ގޮތުން ދުނިޔެއަށް ހުޅުވުމުގައި ވެސް ދެގައުމުން މަޝްވަރާކުރައްވާނެ ކަމަށެވެ.