އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އިޒްރޭލުން ހަދަނީ ބުހުތާން ގޮދު ކަމަށް އދ. އާންމު މަޖިލީހުގައި އީރާން ތަމްސީލް ކުރައްވާ ހައިދަރު އަލީ ބަލޫޖީ ވިދާޅުވުއްޖެ އެވެ.
އދ. ކޮމިޓީ ބައްދަލުވުމެއްގައި ހައިދަރު ވިދާޅުވި ގޮތުން ނިއުކްލިއާ ހަތިޔާރު ހުރި ބަޔަކަށް ވުރެ ނެތް ބައެއްގެ ނުރައްކާ ބޮޑުވާ ސަބަބެއް އޭނާއަށް އެނގިވަޑައެއް ނުގަންނަވަ އެވެ.
ހައިދަރު ވިދާޅުވީ އީރާނޭ ނިއުކްލިއައޭ ކިޔައިން އިޒްރޭލުން ބައިނަލްއަގްވާމީ ޖަމިލީސްތަކުގައި ކުސްނުތަޅާ ޒަމާނެއް ތަޖުރިބާ ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އީރާންގައި ނިއުކްލިއާ މާއްދާތައް ހުރި ކަމަށް ބުނެ އިޒްރޭލުން ދައްކަނީ ހަމަ އެއްވާހަކަ އެކެވެ.
އީރާނުން ބުނާ ގޮތުން ނިއުކްލިއާ ހަތިޔާރު ފަދަ ފަނާކުރަނިވި ބާރުތައް ލިބިގަތުމަކީ އެމީހުން ގަބޫލުކުރާ އަސާސެއް ނޫނެވެ. އަދި އެމީހުން ގަބޫލުކުރާ ދީނީ ހަމަތަކުގައި ވެސް އެކަން އޮންނަނީ މަނާކަމެއް ގޮތުގަ އެވެ.
ހައިދަރު ވިދާޅުވީ އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދިކުރާ މިންވަރު ބެލުމަށް ނުފޫޒުގަދަ ގައުމުތަކުން ޝައުގުވެރިވާ ފަދައިން ނިއުކްލިއާ ހަތިޔާރު އުފައްދާ ގައުމުތަކުން އެކުރާ ކަމެއް ބަލައި ފާސްކުރަން ޝައުގުވެރި ނުވުމަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ކޮސްގޮވިދާނެ ކަމެއް ކަމަށެވެ.
އިޒްރޭލަކީ ބައިނަލްއަގްވާމީ އެއްވެސް މުއާހަދާއެއް ގަބޫލުކުރާ ގައުމެއް ނޫން ކަމަށް ހައިދަރު ވިދާޅުވި އެވެ. ނިއުކްލިއާ ހަތިޔާރު މަނާކުރުމާއި ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ބޭނުންކުރުން މަނާކުރާ ވާހަކަ ދައްކާ ތަނެއްގައި ވެސް އިޒްރޭލު ޝާމިލްނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު ހުރީ ހަމައެކަނި އިޒްރޭލު އަތުގައި ކަމަށް ހައިދަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ނިއުކްލިއާގެ ސަބަބުން މެދުއިރުމަތި ހަލާކުވާނެ ކަމަށް ބުނާ ބަޔަކު އެބުނަނީ މެދުއިރުމަތި ހަލާކުވާނީ އިޒްރޭލުގެ ސަބަބުން ކަމަށެވެ.
އިޒްރޭލު އަތުގައި ނިއުކްލިއާ ހުންނަ ކަމަށް ބުނެ ނޫސްތަކުގައި ކިތަންމެ ވަރަކަށް ލިޔުނަސް، އިޒްރޭލުން އެކަން ގޮގެއް ނުކުރެވެ. ތެދެއް ވެސް ނުކުރެ އެވެ. އެހެން ކަމުން ލިޔުންތައް ބޮޑަށް ބުރަވަނީ އިޒްރޭލު އަތުގައި ނިއުކްލިއާ ބޮން ހުރި ކަމަށެވެ.
އީރާނަށް ރައްދުދީ އިޒްރޭލުން އަބަދު ވެސް ބުނަނީ ނިއުކްލިއާ މަސައްކަތްތައް ހުއްޓާނުލައިފި ނަމަ އީރާނަށް ހަމަލާދޭނެ ކަމަށެވެ. އީރާނުން ބުނަނީ ހަމަލާދީފި ނަމަ އިޒްރޭލު ދުނިޔޭގެ ޗާޓުން ފޮހެލާނެ ކަމަށެވެ.