ދުނިޔެ

އެމެރިކާގެ އޮފީހެއްގައި ބަޑިޖަހައި 12 މީހުން މަރާލައިފި

Jun 1, 2019
1

ވާޖީނިއާ (ޖޫން 1) - އެމެރިކާގެ ވާޖީނިއާ ސްޓޭޓުގައި، ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ އިމާރާތަކަށް ވަދެ މީހަކު ދިން ބަޑީގެ ހަމަލާގައި މިހާތަނަށް 12 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ހަމަލާދީފައިވަނީ އެ ސިޓީގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފެއް ކަމަށެވެ. އޭނާ ވަނީ ފުލުހުންނާ ބަޑީގެ ހަމަލާތައް ބަދަލުކުރުމުގެ ތެރޭގައި މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް، އޭނާގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

އެ ސިޓީގެ މުނިސިޕަލް އިމާރާތަށްވަދެ، އެ މީހާ ވަނީ ވަކި މީހަކަށް ބެލުމެއް ނެތި ބަޑިޖަހަން ފަށާފައިކަމަށް މަންޒަރުދުށް ބައެއް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

އެ ހަމަލާތަކުގައި އިތުރު ހަތަރު މީހެއް ޒަހަމްވެފައިވާކަމަށާއި، އޭގެ ތެރޭގައި ފުލުހެއް ހިމެނޭކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިއީ އެމެރިކާގައި މިއަހަރުގެ ތެރޭގައި ބަޑިޖަހައިގެން ގިނަ ބަޔަކު މަރާލި 150 ވަނަ ހާދިސާކަމަށް އެފަދަ ހަމަލާތައް ދިރާސާކުރާ ފަރާތަކުން ވަނީ ބުނެފަ އެވެ.