ހަބަރު

އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

Jun 5, 2019

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި، އުތުރުގެ އަތޮޅުތަކަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީސް އިން ބުނެފައިވަނީ، މިއަދު ހެނދުނު 11.30 އިން ފެށިގެން މެންދުރުފަހު މެންދަރު 15:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހަތް އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ރާއްޖޭއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބައެއް ރަށްތަކަށް ދަނީ ފެންބޮޑުވެ ގެއްލުންތައް ވަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.