އަހުމަދު ތޯރިގް

މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ބޮއިކޮޓް ކުރާނަން: ޓޮމް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަގުރީރު ކުރެއްވުމަށް ބާއްވާ ޖަލްސާގައި ތަގުރީރު ފެށްޓެވުމުގެ ކުރިން ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ފަށްޓަވާނީ ހޮނިހިރު ދުވަހު އެވެ. ދެ ދުވަހަށް ކުރައްވާ އެ ދަތުރުފުޅުގައި މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމުގެ ރުހުން ވެސް މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ދީފަ އެވެ. އެ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ އިރުއޮއްސި 6:45 ގަ އެވެ.

މިކަމާ ގުޅިގެން މެންބަރު ޓޮމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބޮޑުވަޒީރު މޯދީ ތަގުރީރު ކުރެއްވުމަށް ބާއްވާ މަޖިލިސް ޖަލްސާގެ ވަގުތު މަޣުރިބު ނަމާދާއި އިޝާ ނަމާދުގެ ދެމެދުގެ ވަގުތަކަށް ދީމާވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ދީނާއި ސިޔާސަތު ވަކިކުރާ ސެކިއުލާ ވިސްނުމަށް ވަކާލާތު ކުރާ ފަރާތްތަކުން ރާއްޖެ، ސެކިއުލާ ސްޓޭޓަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރެއަށް ހަމަޖެއްސުން." ޓޮމްގެ ސްޓޭޓަސްގައިވެ އެވެ.

މެންބަރު ޓޮމް އިތުރަށް ވިދާޅުވީ ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފެންނަ ކަމަށް ނެގި ވޯޓުގައި ވެސް އޭނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި މާދަމާ ރޭ ބާއްވާ ޖަލްސާގައި މޯދީ ތަގުރީރު ދެއްވުމުގެ ކުރިން ޖަލްސާ ދޫކުރައްވާ ނުކުމެވަޑައިގަންނަވަން ނިންމާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާގައި މުސްލިމުންނާ ދޭތެރޭގައި ހިންގާ ލާ އިންސާނީ އަމަލުތަކާއި ދުއްތުރާތަކަށް އިހުތިޖާޖު ކުރުމުގެ ގޮތުން، ޕްރައިމް މިނިސްޓަރު މޯދީގެ ސްޕީޗް ދެއްވުމުގެ ކުރިން ޖަލްސާ ދޫކޮށް ނުކުންނާނެ ވާހަކަ ދާއިރާގެ ރައްޔިތުންނަށް ދަންނަވަން،" ދާދި ފަހަކުން އިންޑިއާގައި ދިރިއުޅޭ ބައެއް މުސްލިމުންނަށް އަނިޔާ ކުރާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް ލީކުވެފައިވާތީ އެކަން ފާހަގަކުރައްވަމުން ޓޮމް ވިދާޅުވި އެވެ.

މިއީ މޯދީ ތަގުރީރު ދެއްވާ ޖަލްސާއާ ގުޅިގެން އެކަމާ ދެކޮޅަށް މަޖިލިސް މެންބަރަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ކަމުގެ ބަހުސް މަރުހާލާގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވާހަކަ ދެއްކެވީ އެ ފުރުސަތު ދެއްވުމަށް ތާއީދު ކުރައްވަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުން، ބޭރު ގައުމެއްގެ އިސް ވެރިއަކަށް މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުން ވަނީ މޯދީއަށް ފުރުސަތު ދެއްވުމަށް ފާސްކޮށްފަ އެވެ.