ޕީޕީއެމް

"ރާއްޖެ-އިންޑިއާ ފެރީ ނިޒާމުން އިޖުތިމާއީ މައްސަލަތައް ބޮޑުވާނެ"

އަވައްޓެރި އިންޑިއާގެ ކޮޗިންއާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ގާއިމު ކުރާ ފެރީގެ ނިޒާމުގެ ސަބަބުން ހިއުމަޓް ޓްރެފިކިން ފަދަ އިޖުތިމާއީ މައްސަލަތައް އިންތިހާއަށް ބޮޑުވެދާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ތެރޭގައި، ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކާގޯ ޕެސެންޖާ ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި މޯދީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގިނަވެ، ނުކުންނަ އިޖުތިމާއީ މައްސަލަތައް ގިނަ ކަމަށެވެ. އަގުހެޔޮކޮށް އެހެން ގައުމަކުން ރާއްޖެއަށް ދަތުރު ކުރެވޭނެ ފެރީގެ ނިޒާމެއް ގާއިމްކުރުމަށް އެއްބަސްވުމަކީ އެފަދަ މައްސަލަތައް އިންތިހާއަށް ބޮޑުވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެނީ އެ ފެރީގައި ދަތުރުކުރާނެ ދިވެހި ރައްޔިތަކު ނުވާނެތެވެ. އެކަމަކު އެޤައުމުން އިލްމެއް ހިލްމެއް ނެތް އަގުހެޔޮ މަސައްކަތު މީހުނާއި ބޮޑެތި މުޖުރިމުން ދިވެހި ރާއްޖެއަށް ދަތުރު ކުރާނެތެވެ. މިކަމަށް އެއްބަސްވުމަށްފަހު އަޅުގަނޑުމެން ހިޔުމަން ޓްރެފިކިންގެ ވާހަކައެއް، ޑްރަގް ޓްރެފިކިންގެ ވާހަކައެއް އަދި ހިޔުމަން ރައިޓްސްގެ ވާހަކައެއް ދައްކާނެކަމެއްނެތެވެ." ޝިޔާމްގެ ޕޯސްޓުގައިވެ އެވެ.

ދުވަސްކޮޅަކުން ފެންނަނީ އެފަދަ ގޮތަކަށް އަންނަ ފަރާތްތަކަށް ދިވެހި ރަށްވެހިކަން ދޭ މަންޒަރު ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކަށް ވެސް ވޯޓު ލުމުގެ ހައްގު ލިބި، އެ ވެރިންގެ ވޯޓާއެކު އެ ކަން ފަހިކޮށްދޭ ސަރުކާރެއް ދެމި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ދައްކަނީ މިލިއަން މީހުން ނުވަތަ މިލިއަން ވޯޓުގެ ވާހަކައެވެ. މިކަން ފަހިކޮށްދޭ ރެޖީމެއް ނުވަތަ ސަރުކާރެއް އެ ވެރިންގެ ވޯޓާއިއެކު އަބަދުވެސް ވެރިކަމުގައި ދެމި އޮންނާނެތެވެ." ޝިޔާމް ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ފެރީގެ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ފަށަން މަސައްކަތް ކުރި ހިދުމަތެކެވެ. ނަމަވެސް އެ ހިދުމަތް އެއިރު ފެށުމުގެ ކުރިން އެމަނިކުފާނު ވަނީ ދައުރުގެ މެދުތެރެއިން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.