ރައްޔިތުންގެ މަޖިލިސް

އިންޑިއާ އައުޓް ހުއްޓުވަން ގާނޫނުތައް އިސްލާހުކުރަން ލަފާ ދެނީ

Jun 19, 2022
1

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ގާނޫނީ ހުރަސްތަކެއް ހުރިނަމަ ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކޮށްގެން ނަމަވެސް އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ލަފާދިނުމަށް ކަމާ ގުޅޭ އިދާރާތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ -- 241 ކޮމިޓީން ނިންމައިފި އެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފެނިވަޑައިގަންނަވާތީ މައްސަލަ ބަލައިދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ކޮމިޓީން މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓްގައި މައްސަލައާއި ގުޅިގެން ކޮމިޓީއަށް ފާހަގަވާ މައިގަނޑު 24 ކަމެއް ހިމަނާފަ އެވެ.

އެގޮތުން ހޯމް މިނިސްޓްރީން ކޮމިޓީއަށް ފޮނުވާފައިވާ ރިިޕޯޓަކާ ހަވާލާދީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ އިންޑިއާ އައުޓް ކެމްޕޭނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ބޭނުންކުރާ އިބާރަތްތަކުގެ ސަބަބުންނާއި ކަންތައްތައް ކުރެވޭ ގޮތުން އިންޒާރުދީ އަނިޔާވެރި ކަމަށް ގޮވާލެވޭ ގޮތަށް ކަންކަން ހިނގަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވެދާ ކަމަށް ބުނެފައިވެ އެވެ. އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ބޭސްފަރުވާއާއި، ތަފާތު އެކި ބޭނުންތަކުގައި އިންޑިއާއަށް ދާ ދިވެހިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ކުރާނެ ނޭދެވޭ އަސަރުތަކެއް ހުންނާނެ ކަމަށްވެސް ހޯމް މިނިސްޓްރީގެ ރިޕޯޓާ ހަވާލާދީ ކޮމިޓީ ރިޕޯޓްގައިވެ އެވެ.

އިންޑިއާ އައުޓް ކެމްޕޭނާ ގުޅިގެން ފޮރިން މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ރިޕޯޓާ ހަވާލާދީ ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ އިންޑިއާ އައުޓް ކެމްޕޭނާ އެކު ހިންގާ ހަރަކާތްތަކުގެ ދަށުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ކަންކަންވެސް ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ސަލާމަތަށް އޭގެ ނުރަނގަޅު އަސަރު ފޯރުމަކީ ވެދާނެ ކަމެއް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

ފުލުހުންނާ ހަވާލާދީ ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ފުލުހުން އަޅަމުންދާ ފިޔަވަޅުތަކަށް ކެމްޕޭންގެ ބައިވެރިން ނުކިޔަމަންތެރިވާ ކަމަށެވެ. މި ކެމްޕޭންގައި ކުށުގެ ރެކޯޑް އޮންނަ ބަޔަކު ބައިވެރިވާކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ ބަޔަކު ނުރައްކާތެރި އަމަލުތައް ހިނގުން ގާތް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

ޑިފެންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުވާފައިވާ މައުލޫމާތާ ގުޅުވައިގެން ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ އިންޑިއާ އައުޓް ކެމްޕޭނަކީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާ ގޮތަށް ފަހުގެ ތާރީހެއްގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާ އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާ، ދައުލަތުގެ އިދާރާތަަކަށް އަންގަވާފަ އެވެ. އެކަމަކު ރާއްޖޭގައި އިންޑިއާ ސިފައިން ތިބިހާ ދުވަހަކު އިންޑިއާ އައުޓް ކެމްޕޭން ނުހުއްޓާނެ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.