ކުރިއަށް އޮތް ދެ ދުވަހަށް ވައިގަދަވެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރެއަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ހުޅަނގު ދެކުނާއި ހުޅަނގުން މެދު ތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ދޭތެރެ ދޭތެރެއަކުން ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނަކަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވުމާ ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީވެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
ވީމާ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.