ހަބަރު

މަގުތައް ހަދަން އާ ކުންފުންޏެއް އުފައްދައިފި

މަގުތައް ހަދައި ބަލަހައްޓަން "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ކުންފުންޏަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެވެ. އަދި އެ ކުންފުނީގެ ރައުސުލްމާލަކީ 50 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކުންފުނި އުފައްދަވަން ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ، މަގުތައް ރަނގަޅު ފެންވަރެއްގެ ހެދެމަކީ މުހިއްމު ކަމަކަށްވާތީ އެ ކަމަށް ހާއްސަ ކުންފުންޏަށް އޮންނަން ޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމަށް އެއް ރަށާއި އަނެއް ރަށް ގުޅާލުމާއި ދާލަންތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނީގެ މަސައްކަތުގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

މަގުތައް ހަދައި ބަލަހައްޓަން އާ ކުންފުންޏެއް ރައީސް މިއަދު އުފެއްދެވިއިރު، މީގެ ކުރިން ވެސް އެ ކަމަށް ހާއްސަ ސަރުކާރުގެ ކުންފުންޏެއް އޮތެވެ. "މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި އޮތް އެ ކުންފުނި އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.