ހަބަރު

ފިލަން ކަނޑަށް ފުންމާލި މީހާ މާވަރުލުން ހޯދައިފި

ގއ. ކަނޑުހުޅުދޫއަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ގެންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފެށުމުން، ފިލަން ވެގެން ކަނޑަށް ފުންމާލި މީހާ މިއަދު ހެނދުނު ފިލާ އޮއްވާ ހޯދައިިފި އެވެ.

ފުލުހުން ބުނީ އެ މީހާ ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތުގައި އޭނާ ފެނުނީ ކަނޑުހުޅުދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާވަރުލުގެ ވަލުތެރެއިންނެވެ.

މިއަދު ހެނދުނު 9:00 ހާއިރު ފުލުހުންނަށް އޭނާ ފެނުނުއިރު އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.

ފުލުހުންނަށް ފިލަން ވެގެން އެ މިހާ ރޭ ކަނޑަށް ފުންމާލިއިރު، އޭނާ ހޯދަން ވެގެން އާންމުންގެ ތިން މީހަކު ޑިންގީއެއްގައި ދިޔަ އެވެ. އެ މީހުން ރޭ ވަނީ ކަނޑުވެފަ އެވެ. ނަމަވެސް އެއިން އެކަކު މާވަރުލަށް އަރާފައިވާއިރު، އަނެކަކު ވަނީ ކައިރީގައި އޮތް ދޯންޏަކަށް އަރާފަ އެވެ. ޑިންގީއިން ދިޔަ ތިންވަނަ މީހާ ވެސް ކަނޑުމަތިން ވަނީ ފެނިފަ އެވެ.