ދުނިޔެ

ގްރީސްގެ ދަރަނި މާފެއް ނުކުރެވޭނެ، އެކަމަކު ލުޔެއް ދޭން ވިސްނިދާނެ: މާކެލް

Jul 20, 2015

ދަރަނިތަކުން އަރައިގަތުމަށް ގްރީސް އަށް ބައެއް ކަހަލަ ލުއިތައް ދިނުމާ މެދު ވިސްނާ ވަޑައިގެންނެވި ދާނެ ކަމަށް ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ފުރަތަމަ ފަހަރަށް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ގައުމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މާކެލް ވިދާޅުވީ ދަރަނީގެ މުއްދަތު އިތުރުކޮށް، އިންޓަރެސްޓް ރޭޓުތައް ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު، އެކަން ކުރެވޭނީ ގްރީސް އަށް ޔޫރަޕުން ދޭން އެއްބަސްވި ހަރުކަށި ބެއިލްއައުޓް ޕްރޮގްރާމްގެ ދަށުން އަޅަން ފަށާފައިވާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ވަރުން ވެސް ދަރަނި މާފުކޮށްދިނުމަކީ އޮތް ފުރުސަތެއް ނޫން،" މާކެލް ވިދާޅުވި އެވެ.

ގްރީސްގެ ދަރަނި ފޫބެއްދޭނެ ހަމައެކަނި ގޮތަކީ އެ ގައުމަށް ލުއިތަކެއް ދިނުން ކަމަަށް، އެހީގެ ޕްރޮގްރާމްގެ މުހިއްމު ބައިވެރިއެއް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް، އެ ކަމަށް އެންމެ ބޮޑަށް ދެކޮޅު ހަދަމުން ދަނީ ޖަރުމަނުންނެވެ. ގްރީސްގެ ދަރަންޏަށް އެއްވެސް ވަރަކަށް ލުޔެއް ދޭން އެ ގައުމުން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދާފަ އެވެ.

ޔޫރަޕުން ދޭން އެއްބަސްވި ހަރުކަށި ބެއިލްއައުޓް ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފެށުމަށް ޔޫރަޕްގެ ބާރުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ތާއީދުކޮށް، މިހާރުން މިހާރަށް ވެސް އެ ގައުމު ސަލާމަތުން ބޭއްވުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަން ވަނީ ނިންމާފަ އެވެ.

ގްރީސް އަށް ޔޫރަޕުން ދޭން އެއްބަސްވި 86 ބިލިއަން ޔޫރޯގެ ތިން ވަނަ ބެއިލްއައުޓް ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފެށުމަށް ޖަރުމަނު ސަރުކާރުން ހޯދަންޖެހޭ ހުއްދަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މިދިޔަ ހުކުރު ދުވަހު ދީފަ އެވެ. އެ ޕްރޮގްރާމްގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޖަރުމަނުގެ މަޖިލީހުން އެ ހުއްދަ ދިނީ 439 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދާ އެކު އެވެ. ދެކޮޅަށް 119 މެމްބަރަކު ވޯޓު ދެއްވިއިރު، ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ 40 މެމްބަރަކު ތިއްބެވި އެވެ.

އޭގެ ކުރިން، ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ފްރާންސާއި ފިންލެންޑާއި އޮސްޓްރިއާގެ މަޖިލީހުން ވެސް ވަނީ އެ ޕްރޮގާރަމަށް ރުހުން ދީފަ އެވެ.

މީގެ އިތުުރުން، ބެއިލްއައުޓް ޕްރޮގްރާމްގެ ދަށުން ފައިސާ ދޫކުރެވެންދެން ވެސް ގްރީސް ސަލާމަތުން ބާއްވަން ހަތް ބިލިއަން ޔޫރޯގެ އިމަޖެންސީ ފައިސާ ހަމަޖައްސައިދޭން ވެސް ޔޫރަޕިއަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެ ފައިސާ އަންނަ ހޯމަ ދުވަހުގެ ކުރިން ހަމަޖައްސައިދޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެންވެ، ހޯމަ ދުވަހުގެ ކުރިން ގްރީސް އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ) އަށް ދައްކަންޖެހޭ ދެ ލޯނު ދައްކައި ހަލާސްކުރެވޭނެ އެވެ.

ގްރީސް އަށް ޔޫރަޕުން ދޭން އެއްބަސްވި ބެއިލްއައުޓް ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފެށުމުގެ ކުރިން އެ ގައުމުން ހަދަންޖެހޭ ހަރުކަށި އިސްލާހީ ފިޔަވަޅުތައް ހިމެނޭ ގާނޫނުތައް ވެސް ގްރީސްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްދީފަ އެވެ. ޓެކްސް އިތުރުކޮށް، ޕެންޝަން ކަނޑާލައި ރިޓަޔާ ކުރެވޭ އުމުރު މަތިކުރުން ފަދަ ހަރުކަށި ޝަރުތުތައް ހިމެނޭ އެ ހަތަރު ބިލް ފާސްވެފައިވަނީ ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ. އެއީ ގްރީސްގައި ވެރިކަންކުރާ ވާތު ފިޔައިގެ ސީރްޒާ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް އެ ޝަރުތުތަކާ ދެކޮޅު ހެއްދެވެމުންނެވެ.

ގްރީސް އަށް ދޭން ޔޫރަޕުން އެއްބަސްވި އެހީގެ އާ ޕްރޮގްރާމާ މެދު މަޝްވަރާތައް ފެށުމަށް އެ ގައުމުން އެ އިސްލާހީ ގާނޫނުތައް ފާސްކުރަން މަޖުބޫރުކޮށްފައިވެ އެވެ. އަދި އެކަން މިއަދުގެ ނިޔަލަށް ކުރަން ވެސް އޮތީ އަންގާފަ އެވެ.

ޔޫރަޕްގެ ބާރުތަކާއި ގްރީސްއާ ދެމެދު މަައްސަލަ ޖެހި، ގްރީސް ދަރަނިވެރިވީ ގްރީސް އަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޔޫރަޕުން ހަރުކަށި ގިނަ ޝަރުތުތަކެއް ހުށަހެޅުމުންނެވެ. އޭގެ ތެރޭގައި ޓެކްސްގެ މިންވަރު އިތުރުކުރުމާއި ޕެންޝަން އުނިކުރުން ފަދަ އާއްމުންނާ ގުޅުންހުރި ގިނަ ކަންކަން ހިމެނެ އެވެ. އެ ކަންތައްތައް ހިމެނޭ އެހީގެ ޕްރޮގްރާމަކަށް ގްރީސްގެ ރައްޔިތުން ވެސް ވަނީ ހިޔާލު ހޯދުމުގެ ވޯޓުގައި ދެކޮޅު ހަދާފަ އެވެ.

އެކަމަކު، މި ވޯޓާ ގުޅިގެން، ގްރީސްގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އަދި އެ ގައުމުގެ ބޭންކުތައް ބަންދުކުރަން ޖެހި، ގައުމު ބަނގުރޫޓުވުމުގެ ބިރު އުފެދުމުގެ އިތުރަށް، ޔޫރޯޒޯނުން ވަކިވުމުގެ ފުރުސަތު ވެސް އޮތީ ވަރަަށް ބޮޑުވެފަ އެވެ.

އެ ކަންކަމުން އަަރައިގަތުމަަށްޓަކައި ބޭނުންވާ ފައިސާ ހޯދޭނެ އިތުރު ގޮތެއް ނުފެނުމުން، ގްރީސްގެ ސަރުކާރުން ވަނީ ޔޫރަޕުން ޑިމާންޑުކުރަމުން ދިޔަ ހަރުކަށި ކަންތައްތަކާއި އިސްލާހީ ފިޔަވަޅުތައް ހިމަނައިގެން، ޔޫރަޕުން ދިން ސުންގަޑީގެ ކުރިން އާ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުމުގައި ގްރީސްގެ ސަރުކާރުން ވަނީ ޖީއެސްޓީ ބޮޑުކޮށް، ޕެންޝަނުން ބައެއް ކަނޑާލަން އެއްބަސްވެފަ އެވެ. އަދި ޝިޕިން ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކޮށް، އަސްކަރީ ހަރުދަތަކުން 300 މިލިއަން ޔޫރޯ އުނިކޮށް، ވިޔަފާރިތަކަށް ދެމުން ގެންދިޔަ ބައެއް ޓެކްސްގެ ލުއިތައް ކަނޑާލައި ދައުލަތުގެ ގިނަ ކުންފުނިތަކެއް ޕްރައިވެޓައިޒްކުރަން އެއްބަސްވެފައިވެ އެެވެ.

މީގެ އިތުރުން، ގްރީސްގެ ދަރަނި ފޫބެއްދުމަށް، 2018ގެ ނިޔަލަށް 53.5 ބިލިއަން ޔޫރޯގެ ތިންވަނަ އެހީގެ ޕެކޭޖެއް ހަމަޖައްސައިދިނުމަށް ވެސް އެދިފައިވެ އެެވެ.

ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުން ދިޔަ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމީ އެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިންމާލައި، އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، އީސީބީން ވެސް ވަނީ ގްރީސްގެ ބޭންކުތަކަށް ދެމުންދިޔަ 86 ބިލިއަން ޔޫރޯގެ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ. އަދި އެ ނިންމުން މުރާޖައާ ނުކުރަން، ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު އެ ބޭންކުގެ ވެރިން ބޭއްވެވި ބައްދަލުކުރައްވައި ވަނީ ނިންމަވާފަ އެވެ.

އެހެން ނަމަވެސް، އީސީބީން ވަނީ ގްރީސްގެ ބޭންކުތަކަށް އަލުން އިމަޖެންސީ އެހީ ފޯރުކޮށްދޭން މިދިޔަަ ހުކުރު ދުވަހު ފަށާފަ އެވެ. އެއާ އެކު، ތިން ހަފުތާ އަށް ފަހު، މާދަމާ ގްރީސްގެ ބޭންކުތައް ހުޅުވާނެ އެވެ. އެކަމަކު، އަމިއްލަ ބޭންކް އެކައުންޓުން ހަފުތާ އަކު މީހަކަށް ނެގޭނީ ގިނަވަގެން 420 ޔޫރޯ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. އީޔޫ މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެެވެ.