ބޭރު ކުޅިވަރު

އައިފެލް ޓަވަރަށް ހިތްކިޔާހެން ޕޮގްބާވެސް ބޭނުން، އެކަމަކު އެކަންވާކަށްނެތް: މޮރީނިއޯ

Jul 20, 2015

ޔުވެންޓަސް އަށް ކުޅޭ ފްރާންސްގެ ޕައުލް ޕޮގްބާ އަކީ އޭނާ ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ހިތް އެދުނަސް އެކަން ކުރެވެން ނެތް ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

"އަހަންނަށް ހީވަނީ ކޮންމެ މީހަކު ވެސް ޕޮގްބާ އަށް ޝައުގުވެރިވާނެހެން. އެކަމަކު ހުރޭ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެކަންކަން. އަހަރެން ލޯބިކުރަން [ފްރާންސްގައި ހުންނަ] އެއިޕީލް ޓަވަރަށް. އެކަމަކު އަހަރެންގެ ބަގީޗާގައި އެއެއްނެތް. އަހަންނަށް ހީވަނީ އަހަރެންގެ ޓީމު ވަރުގަދަ ކުރަން ބޭނުންވާ އާލާތްތައް ހަމަކުރަންޖެހެނީ އޭނާއާ ނުލައިހެން،" މޮރީނިއޯ ބުންޏެވެ.

ޕޯޗުގަލްގެ ކޯޗު މިހެން ބުނީ ޕޮގްބާ ކުލަބު ބަދަލުކުރާނަމަ ދިއުން އެންމެ ގާތީ ސްޕޭނުގެ ބާސެލޯނާ ކަމަށް ބެލެވިފައިވަނިކޮށެވެ.

މޮރީނިއޯ ބުނީ ކުރި އާއި މެދުތެރޭގައި އޭނާ ބޭނުންވާ ކުޅުންތެރިން އެބަތިބި ކަމަށެވެ. ނަމަވެސް ޓީމަށް ބޭނުންވާނީ ޑިފެންޑަރެއް ކަމަށެވެ. މި ގޮތުން އެވަޓަންގެ ސްޓޯންސް ގަތުމަށް ޗެލްސީން ވަނީ ބިޑްކޮށްފަ އެވެ.