ދުނިޔެ

ކޮންގޯގައި އިބޯލާ ފެތުރި މުޅި އެފްރިކާއަށް ބިރު

އެފްރިކާގައި މިހާރު ފެތުރެމުންދާ އިބޯލާގެ ބިރުވެރިކަން ބޮޑުވެގެން ދާކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތް ވެލްކަމް ޓްރަސްޓުން ބުނެފި އެވެ.

ވެލްކަމް ޓްރަސްޓްގެ ޑިރެކްޓަރު ޖެރެމީ ފައްރާރް ވިދާޅުވަނީ 2013 އިން 2016 އަށް އެފްރިކާގައި އެ ބަލި ފެތުރެމުން ދިޔަ ފަހުން އެންމެ ނުރައްކާތެރިގޮތަށް އެ ބަލި ފެތުރެމުންދާ ފަހަރަށް މިފަހަރު ވާނެ ކަމަށެވެ. އަދި މިފަހަރު ބަލި ފެތުރުން ހުއްޓޭނެ ކަމުގެ ނިޝާނެއް މިހާތަނަށް ފެނިފައި ވެސް ނުވާ ކަމަށެވެ.

ފާއިތުވި 10 މަސް ދުވަސް ތެރޭގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި 2،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 1،400 މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އިބޯލާ ބަލި ފެނިފައި ވަނީ ކޮންގޯއާއި އަވައްޓެރި ކެންޔާއިން އެވެ. އެ ކުއްޖާ ގައިން ބަލި ފެނިގެން އެކުއްޖާއާއެކު ކޮންގޯއިން ދަތުރު ކުރި މާމައާއި އެކުއްޖާގެ ބޭބެ ޓެސްޓް ކުރި އިރު އެދެމީހުން ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ފަސް އަހަރުގެ ކުޑަކުއްޖަކު އެބޯލާ ބަލި ޖެގިގެން މަރުވެފައި ވާއިރު ބަލި ޖެހިފައި ވާކަމަށް ޝައްކުކުރެވޭ އިތުރު ހަތް މީހުން ފެނިފައި ވެއެވެ.

އޭގެ އިތުރުން ޔުގަންޑާ ސަރުކާރުން ވެސް ބަލި ޖެހިފައިވާ ހަތް މީހުން ކަށަވަރުވެފައިވާއިރު އިތުރު 50 މީހުން އެ ބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށް ވަނީ ޝައްކުކުރެވިފަ އެވެ.

ފައްރާރު ވިދާޅުވަނީ ކޮންގޯއާއި ކައިރީ ގައުމަކުން މި ބަލި ފެނުން ހިތާމަވެރި ކަމަކަށް ވީނަމަވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ގައުމީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ވަރަށް ފުރިހަމަ އެހީތެރިކަން އެ ގައުމަށް ބޭނުން ވެއެވެ. އަދި އެއްވެސް ހާލެއްގައި ޑީއާރްސީއިން މިކަންތަކާއި އެކަނި ކުރިމަތިލާން ދޫކޮށްލެވިގެން ނުވާނެކަމަށް ވެސް ފައްރާރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ޑީއާރްސީ އިން އެބޯލާ ޖެހިފައި ހުރި މީހަކު ފެނުނު ފަހުން މިހާތަނަށް ބަލި ޖެހުނު މީހުންގެ 70 ޕަސެންޓް މީހުން ވަނީ މަރުވެފަ އެވެ.

ބަލީގެ ތާރީހުގައި ވެސް 2013 އިން 2016 ވަނަ އަހަރު އިރުމަތީ އެފްރިކާގައި އެބޯލާ ފެތުރި 11،130 މީހުން މަރުވުމަށް ފަހު މިގޮތަށް އެބޯލާ ފެތުރެމުންދާ މިއީ ފުރަތަމަ ފަހަރެވެ.