ހަބަރު

ސައުދީ އެއާޕޯޓަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

Jun 13, 2019

ސައުދީ އަރަބިއްޔާގެ އަބްހާ އެއާޕޯޓަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ދިން މިސައިލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

އަބްހާ އެއާޕޯޓުގެ އެރައިވަލް ހޯލަށް އަމާޒުވި އެ ހަމަލާގައި މިހާތަނަށް 26 މީހުން ޒަހަމްވެފައިވާ ކަމަށް ޔަމަނުގެ ސަރުކާރާއި އެއްކޮޅަށް މަސައްކަތް ކުރާ ސައުދީން އިސްވެ އުފައްދާފައިވާ އިއްތިހާދުން ވަނީ ބުނެފަ އެވެ.

އާންމުންނަށް އަމާޒުކޮށްދިން ހަމަލާ ކުށްވެރިކޮށް، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފަދަ ޓެރަރިސްޓް އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި ސުލްހަ ގާއިމުކުރަން މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ ހުރަސް އެޅޭ ކަމަށެވެ.

"އެފަދަ ޓެރަރިސްޓް އަމަލުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ސުލްހަ ގާއިމުކުރަން ހުރިހާ ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުއިން ކުރާ މަސައްކަތަށް ހުރަސް އެޅޭ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސައުދީ ސަރުކާރާއެކު ރާއްޖެ ދެމި އޮންނާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ސައުދީ އާއި ޔޫއޭއީ ގުޅިގެން ހޫތީ ހަނގުރާމަ ވެރިން ހަރަކާތްތެރިވާ ޔަމަނުގެ ހައްޖާ ޕްރޮވިންސްއަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ ދަނޑިވަޅެއްގައި ހޫތީން ސައުދީއަށް ދޭ މިސައިލާއި ޑްރޯންގެ ހަަލާތައް އެ ޖަމާއަތުން ވެސް ވަނީ އިތުރުކޮށްފަ އެވެ.

ސައުދީގެ ޖިޒާން އެއާޕޯޓަށް އަމާޒުކޮށް ހޫތީން ފޮނުވާލާފައިވާ ބޮން ބަރުކޮށްގެން ދިޔަ ޑްރޯންއެއް މިދިޔަ މަހު ސައުދީ ވައިގެ ސަލާމަތީ ބާރުތަކުން ވަނީ ވައްޓާލާފަ އެވެ. ނަމަވެސް މެއި މަހު ސައުދީގެ ދެ ތެޔޮ ނަގާ ސްޓޭޝަނަކަށް ދީފައިވާާ ޑްރޯން ހަމާލަތަކެއްގައި އެ ސްޓޭޝަންތަކަށް ވަނީ ކޮންމެސް ވަރެއްގެ ގެއްލުން ލިބިފަ އެވެ.

ސައުދީއާއި ޔޫއޭއީގެ ކޯލިޝަނުން ޔަމަނުގައި 2015ގެ މާޗް މަހު ހަރަކާތްތެރިވާން ފަށާފައި ވަނީ އޭރު ވެރިކަމުގައި ހުންނެވި އަބްދު-ރައްބު މަންސޫރު ހާދީގެ ވެރިކަން ހޫތީ ޖަމާއަތުން ވައްޓާލުމާއި ގުޅިގެން ނެވެ.

އިރާނުން އެހީވެދޭ ހޫތީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ވަނީ ޔަމަނުގެ ސަރުކާރަށް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ތިން އަހަރު ވީ އިރު، އާއްމުންގެ 10،000 މީހުން މަރުވެ އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފަ އެވެ.