ސައުދީ އަރަބިއްޔާއަށް އަމާޒުކޮށްގެން އިއްޔެ ދިން މިސައިލް އަދި ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މެދުކެނޑުމެއް ނެތި މިގޮތަށް ދޭ ހަމަލާތަކަކީ އެސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށާއި، ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާކުރުން މުހިއްމުކަމަށް ފާހަގަކޮށްފަ އެވެ.
"މި ފުރުސަތުގައި ދިވެހިރާއްޖެއިން އަބަދުވެސް ސައުދީ އަރަބިއްޔާއާއެކު ވާކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތުގައި ފަހަތަށް ނުޖެހި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ރޭ ވަނީ ސައުދީގެ ދެކުނުގައި ހުންނަ ތެޔޮ ކާރުހަނާއަކަށް އަމާޒުކޮށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
އެ މިސައިލްތަކާއި ޑްރޯންތައް ހަމަލާދިނުމުގެ ކުރިން ގޮއްވާލާފައިވާކަމަށް ސައުދީން ވަނީ ބުނެފަ އެވެ.
ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫތީންގެ އަތްދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވެފަ އެވެ.
އިރާނުން އެހީވެދޭ ހޫތީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ވަނީ ޔަމަނުގެ ސަރުކާރަށް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތުގެ ތެރެއިން ވައިގެ މަގުން އެކަނިވެސް 1،000 އަށް ވުރެ ގިނަ ހަމަލާ މިހާތަނަށް ދީފައިވާއިރު، އެ ހަމަލާތަކުގައި އާއްމުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު މަރުވެފައިވާއިރު، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. ހޫތީން އިސްވެ ހުށަހެޅީ ސައުދީއަށް ދެމުންދިޔަ ޑްރޯން ހަމަލާތައް ހުއްޓާލުމަށެވެ. އޭގެ ބަދަލުގައި ސައުދީ ކޯލިޝަނުން ޔަމަނަށްދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް ވަނީ ހުށަހަޅައިފަ އެވެ.