ހަބަރު

ޔަމަނު ސަލާމަތްކުރަން ބައިނަލްއަގުވާމީ އެއްބާރުލުމަށް ރާއްޖޭން ގޮވާލައިފި

Jun 3, 2020
1

ޔަމަނުގައި ދިމާވެފައިވާ އިންސާނީ ކާރިސާއަށް އިން އަރައިގަތުމަށް، އެ ގައުމުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ރާއްޖޭން ގޮވާލައިފި އެވެ.

ރާއްޖޭން މިގޮތަށް ގޮވާލާފައިވަނީ، ޔަމަނަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތްޕުޅުން އދ.ގެ ހިއުމެނިޓޭރިއަން އެފެއާޒް އާބެހޭ އަންޑާ ސެކްރެޓަރީ ޖެނެރަލް އަދި އިމަޖަންސީ ރިލީފް ކޯޑިނޭޓަރ މާކް ލޯކޮކް އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ގެދޮރުގެއްލުން އާއްމު ކަމަކަށްވެފައިވާކަން ފާހަގަކުރައްވައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

އަސާސީ ހިދުމަތްތަކާ ކާބޯތަކެތިން މަހުރޫމުވެ، ބޭރުގެ އެހީއަށް ބޭނުންވާ 24 މިލިއަނަށް ވުރެ ގިނަ މީހުން މިވަގުތު ޔަމަނުގައި އެބަތިއްބެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ވަނީ ޔަމަނުގައި ސުލްހަ ގާއިމްކުރުމާ މެދުއިރުމަތީގެ ހަމަޖެހުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ގާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަމުގައި ފާހަގަކުރައްވައިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ޔަމަނުގައި ބައިނަލްއަގުވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ހާލަތެއްގައި އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭކަމަށެވެ.

އަދި ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަގުވާމީ މުޖްތަމައު ގުޅިގެން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔަމަނުގެ ހާލަތު ބަޔާންކޮށް، އެގައުމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި މި ބައްދަލުވުމުގައި އދ.ގެ މެމްބަރު ގިނަ ގައުމުތަކަކުން ވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދު ވެފައެވެ.