ފޮރިން މިނިސްޓްރީ

ޔަމަނުގެ ސުލްހައަށް ސައުދީން ކުރާ މަސައްކަތަށް ދިވެހި ސަރުކާރުގެ ތާއީދު

ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް ފުރިހަމަ ސިޔާސީ ހައްލެއް ހޯދުމަށް ސައުދީ އަރަބިއާ އިން އިސްވެ ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ތާއީދުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އަރަބިއާ އިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންއާގައި މިމަހުގެ 8 އިން 13 އަށް ސައުދީގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

މިބަޔާނުގައި ވަނީ ސައުދީ އަރަބިއާގެ ވަފުދުގެ މިބައްދަލުވުންތަކަކީ 2021 ވަނަ އަހަރުގެ މާޗްގައި އިއުލާނު ކުރެވުނު ސައުދީ އިނީޝިއޭޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭޕްރިލް 2022ގައި ޔަމަނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އދ. އިން އިއުލާނު ކުރީއްސުރެ، އެ ގައުމުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއްކަން ފާހަގަކޮށްފަ އެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ޔަމަނުގެ ތަރައްގީއާއި ފާގަތިކަމާއި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މިފަދަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ޔަމަނުގެ ގާނޫނީ ސަރުކާރަށާއި ހޫޘީންނަށް ގޮވާލާފަ އެވެ.

ރޮއިޓާސް ބުނާ ގޮތުން ހޫސީންނާ އެކު ދާއިމީ ސުލްހަ ދެމެހެއްޓުމަށް އޮތް އެއްބަސްވުމެއްގައި އޭޕްރީލް 20ގެ ކުރިން އޮފިޝަލުން ސޮއިކުރާނެ އެވެ. އެހެންވެއްޖެނަމަ ފިތުރު އީދުގެ އުފާ އިސްލާމީ އުންމަތަށް އިތުރު އުފަލަކަށް ވެގެން ދާނެ އެވެ.