ހަބަރު

ސައުދީގެ ތެޔޮ ކާރުހާނާތަކަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

Sep 15, 2019

ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންފުނި އަރަމްކޯއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.

ސައުދީ ސަރުކާރުން ބުނެފައިވާ ގޮތުގައި، އިއްޔެ ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ހަމަލާގައި މީހަކަަށް އަނިޔާވި ކަމުގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ހަމަލާތަކުގެ ސަބަބުން މައުސޫމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވުމުގެ އިތުރުން، ސައުދީގެ ސަލާމަތާއި މުޅި ސަރަހައްދުގެ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

"މިފަދަ ފިނޑި ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާގެ ސަބަބުން، އަރަމްކޯގެ ތެޔޮ އުފެއްދުމުގެ ގާބިލުކަމަށް ހުރަސްއެޅޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދާ ގައުމަކީ ސައުދީ އެވެ. އެ ގައުމުން ދުވާލަކު ހަތް މިލިއަން ފީފާ ތެޔޮ އެކި ގައުމުތަކަށް ބޭރުކުރެ އެވެ. ނަމަވެސް، އިއްޔެގެ ހަމަލާއާއެކު އެ އަދަދު 5.7 މިލިއަން ފީފާއަށް ވެއްޓޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.