ހަބަރު

އެމްއާރްއެމްގެ އުފެއްދުމަށް އާ ހުއްދައެއް ޔުމްނާއަށް ވަނީ ދީފަ

Jun 13, 2019
6

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި، އުފައްދާ ސިޔާސީ ޕާޓީ، އެމްއާރްއެމް އުފެއްދުމުގެ އާ ހުއްދައެއް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް އިލެކްޝަން ކޮމިޝަނުން ދޫކޮށްފައިވާ ކަމަށް ބުނެފި އެވެ.

އެމްއާރްއެމް އުފެއްދުމަށް މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ.

އެމްއާރްއެމް ހަރަކާތުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މައުމޫން އިސްވެ ކުރިން އުފެއްދެވި ޕީޕީއެމްއަށް ވީ ގޮތުން، މައުމޫންއާ ގުޅުން އޮންނަ ބޭފުޅެއްގެ ނަމުގައި އާ ޕާޓީ އުފެއްދުމަށް އެމަނިކުފާނުގެ ގިނަ ސަޕޯޓަރުން އެދިފައިވާ ކަމަށެވެ. އެހެންވެ ނިންމީ އާ ހުއްދައަކަށް އެދެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު އިބްރާހިމް ހަސަނަށް ދީފައިވާ ހުއްދަ ބާތިލްކުރުމަށް އިލެކްޝަން ކޮމިޝަނުގައި އެދުނެވެ. އެއީ މެއި މަހުގެ 19 ވަނަ ދުވަހުގެ ކުރިންނެވެ. އެ ދުވަހަކީ އެމްއާރްއެމް އުފެއްދުމަށް ސޮއި ހަމަކުރުމަށް އޭނާއަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހެވެ.

އޭގެފަހުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް މިހާރު ވަނީ އެމްއާރްގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ އާ ހުއްދައެއް ކޮމިޝަނުން ދޫކޮށްފަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހުއްދަ ދޫކޮށްފައިވަނީ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.

ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުން ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮޔާއެކު ހުށަހަޅަން ޖެހޭނެ އެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެ އެވެ.

އެމްއާރްއެމްގެ އޮފިޝަލް ވިދާޅުވީ ޕާޓީއަށް މެންބަރުން ހޯދުމުގެ މަސައްކަތް ނުކުރެވި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރޯދަ މަހާ ދިމާވުމުން ކަމަށެވެ. ނަމަވެސް މިހާރު މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރަށްރަށަށް ދަތުރުތައް ވެސް ރޭވިފައިވާ ކަމަށެވެ.