އެމްއާރުއެމް

އެމްއާރްއެމް އުވާލުމަށް ދެވަނަ ފަހަރަށް ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޒައީމުގެ މަގާމުގައި ހުންނެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެމްއާރްއެމް އުވާލުމަށް ނިންމީ ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން އެ ޕާޓީގައި ނެތުމުން ކަމަށެވެ.

މިއީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ދެވަނަ ފަހަރެވެ. އެމްއާރްއެމް އުވާލުމަށް އީސީ އިން މީގެކުރިން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.

އެމްއާރްއެމް އުވާލުމަށް އީސީ އިން އޭރު ނިންމުމާ ގުޅިގެން އެ ޕާޓީން އީސީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން އޭރު ނިންމީ އީސީގެ ނިންމުން ގާނޫނާ ހިލާފު ކަމަށްވާތީ އެ ނިންމުމަށް އަމަލު ނުކުރުމަށެވެ.

ސިޔާސީ ޕާޓީއެއް ނަމަ 3،000 މެންބަރުން ތިބެންޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެ އެވެ. އެ އަދަދު ހަމަނުވާ ޕާޓީތަކުން ވަކި މުއްދަތެއްގެ ތެރޭގައި އަދަދު ހަމަކުރަން އަންގާ ނޯޓިސް ދިނުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ގާނޫނުގައިވެ އެވެ. އީސީ އިން ބުނި ގޮތުގައި އެމްއާރްއެމް އުވާލަން ނިންމީ ގާނޫނުގައި ބުނާ އަދަދު ހަމަކުރުމަށް ގާނޫނާ އެއްގޮތަށް ނޯޓިސް ދިނުމަށްފަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިދިޔަ ޖުލައި 28 ވަނަ ދުވަހު އެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،234 މެންބަރުންނެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.

ރާއްޖޭގައި ދެވަނަ އުފެއްދި ސިޔާސީ ޕާޓީ -- ޑީއާރްޕީ އަކީ ވެސް ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ރައީސް މައުމޫން އެ ޕާޓީ ދޫކޮށްލެއްވި ފަހުން 3،000 މެންބަރުން ހަމަކުރެވިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީ ވެސް އުވާލާފަ އެވެ. ޑީއާރްޕީއަށްފަހު ރައީސް މައުމޫން އުފެއްދެވީ މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ރައީސް މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު ރައީސް މައުމޫން ވަނީ ޕީޕީއެމް ދޫކުރައްވާ އެމްއާރްއެމް އުފައްދަވާފަ އެވެ. ޕީޕީއެމް ވެރިކަން ކުރާ ކޯލިޝަންގައި އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޕީއެންސީގެ ޓިކެޓްގައި ކަމަށްވެފައި ރައީސް މުއިއްޒު މިހާރު އިސްކަންދެއްވަނީ ސިޔާސީ ގޮތުން ޕީއެންސީ ބާރުގަދަ ޕާޓީއަކަށް ހެދުމަށް ކަމަށްވާތީ ޕީީޕީއެމްގެ މުސްތަގުބަލްވެސް މިވަގުތު އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.