ގއ. ނިލަންދޫ

ލީގް ފަށަނީ މިރޭ، ހާއްސަ ހުއްދައެއް ނިލަންދުއަށް

މިރޭ، ފަށާ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރުމުގެ ގޮތުން ހާއްސަ ހާލަތުގެ ގޮތުން "ކޮންޑިޝަނަލް ލައިސެންސު"ގެ ނަމުގައި ފ. ނިލަންދޫ ސްޕޯޓްސް ކުލަބަށް ލީގްގައި ވާދަ ކުރުމުގެ ހުއްދަ އެފްއޭއެމުން ދީފި އެވެ.

މިރޭ ފަށާ ލީިގް ހުޅުވާ މެޗުގައި، ވާދަ ކުރާނީ ނިލަންދޫ އާއި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރާ ދަ ގުރޭންޑޭ އެވެ. ދިވެހި ލީގްގައި މިއަހަރު ވާދަ ކުރާ ނުވަ ޓީމުގެ ތެރެއިން އަށް ޓީމަށް އިއްޔަ އެފްއޭއެމުން ވަނީ ލައިސެންސް ދީފަ އެވެ. ނިލަންދޫއަށް އިތުރު ވަގުތެއްގެ ގޮތުން ރޭގެ 12:00 ގެ ނިޔަލަށް ފުރުސަތެއް ދިނެވެ.

އެފްއޭއެމް ކުލަބު ލައިސެންސިން ޑިޕާޓްމެންޓްގެ އޮފިޝަލަކު ވިދާޅުވީ، އެފްއޭއެމުން ދިން މުއްދަތުގައި ޑޮކިޔުމެންޓްތައް ނިލަންދޫއިން ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ޑޮކިޔުމެންޓްސްތަކުގައި އިތުރަށް ފުރިހަމަ ކޮށްލަން ޖެހޭ ކުދިކުދި ކަންތައްތަކެއް ހުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެހެންވެ މިވަގުތަށް ހާއްސަ ހާލަތެއް ކަމަށް ބަލައި ކޮންޑިޝަނަލް ލައިސެންސެއް ދޭން، މިއަދު ކޮމިޓީން ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ. "އަދި ރަސްމީ ލައިސެންސް ހޯދުމުގެ ގޮތުން އިތުރަށް ފުރިހަމަ ކޮށްލަން ޖެހޭ ކަންކަމެއް އޭގައި ހުރި، ދިން މުއްދަތުގައި އެކަންކަން ފުރިހަމަ ކުރުމަށް ވާނީ އެންގިފަ."

ބައެއް ނޫސްތަކުގައި، އެފްއޭއެމުން ބުނެފައި ވަނީ، މި މަހު 25 ހާ ހަމައަށް، ޑޮކިޔުމެންޓްސްތައް ފުރިހަމަ ކުރުމަށް ނިލަންދުއަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އަވަސް އާ ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވިގޮތުން އޭގެ ކުރިން ނިލަންދޫގެ ކަންކަން ފުރިހަމަ ކުރެވޭނެ އެވެ. އޮފިޝަލް ވިދާޅުވީ، އެކަންކަން ފުރިހަމަ ކުރުމުން ނިލަންދުއަށް ލައިސެންސް ލިބިގެން ދާނެ ކަމަށެވެ. އަދި ފުރިހަމަ ނުކުރާނަމަ، އެ ޓީމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނަމަ އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ކުލަބުތަކަށް، ލޯކަލް ކުލަބު ލައިސެންސް ނެތި ވާދަ ނުކުރެވޭނެ ގޮތަށް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ. އެފްއޭއެމުން ބުނީ ލައިސެންސް ނެތި ފުރަތަމަ ޑިވިޝަންގައި ނުކުޅެވޭ ގޮތް ހެދީ، އޭއެފްސީން އެ ކޮންފެޑްރޭޝަންގެ ހުރިހާ ގައުމުތަކަށް އެންގި އެނގުމަކާ ގުޅިގެން، ރާއްޖެއިންވެސް އެގޮތަށް އަމަލު ކުރަން ޖެހޭތީ ކަމަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ނިއު ރޭޑިއަންޓް މި ސީޒަންގައި ނުފެންނާނެ އެވެ. އެއީ އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކުލަބު ސަސްޕެންޑް ކުރުމުގެ އިތުރަށް، ފީފާއިން އެޓީމާ ދެކޮޅަށް އަޅާފައިވާ ޓްރާންސްފާ ބޭންގެ ސަބަބުން އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭނެ ތީ އެވެ. އެ ޓީމަށް ކުޅުނު ކުޅުންތެރިން ވަނީ އެހެން ޓީމުތަކަށް ބަދަލު ވެފަ އެވެ.