ދިވެހި ޕްރެމިއާ ލީގް

ދަ ގުރޭންޑޭގެ ފުރަތަމަ ޑިވިޝަންގެ ފެށުން މޮޅަކުން

މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، ފ. ނިލަންދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރާ ދަ ގުރޭންޑޭ ސްޕޯޓްސް ކުލަބުން، ފުރަތަމަ ޑިވިޝަން މޮޅަކުން ފަށައިފި އެވެ.

ދަ ގުރޭންޑޭ، ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީި، މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ފުރަތަމަ ޑިވިޝަނަށް އެ ޓީމު ނިކުތީ ތަޖުރިބާކާރު ކޯޗް، އިސްމާއީލް މަހްފޫޒް އާއި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ކުޅުންތެރިން ގޮވައިގެންނެވެ.

ގޯލްގައި، ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އެވެ. ޓީމުގެ ކެޕްޓަނަކީ ކުރިން، ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަށް ކުޅުނު މުހައްމަދު ރަޝީދު 'ހޮކޭ' އެވެ. މިދިޔަ އަހަރު މާޒިޔާއަށް ކުޅުނު އަހްމަދު އިމާޒު 'އާއްކޮ'، ޔަޝްފާދު ހަބީބު 'މުލަކޭ' އަދި ގާސިމު 'ޝާމާމް'ގެ އިތުރުން އަހްމަދު ނިޒާމްވެސް ގުރޭންޑެގެ ޓީމުގައި ހިމެނެ އެވެ.

މި އަހަރު ލީގްގައި ވާދަ ކުރެވޭނީ އެފްއޭއެމުން ދޭ ލޯކަލް ކުލަބު ލައިސެންސް ލިބިގެންނެވެ. މިއަދުގެ މެންދުރު ފަހު ތިނަކާ ހަމަޔަށް އައިރުވެސް ނިލަންދުއަށް ލީގްގައި ވާދަ ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެންމެފަހުން އެ ޓީމަށް ވާދަ ކުރެވޭނެ ކަން ކަށަވަރުވީ އެފްއޭއެމުން އެ ޓީމަށް ދިން ހާއްސަ ހުއްދަ އަކާއެކު އެވެ. އެއީ ލައިސެންސްގެ މުއްދަތު ފުރިހަމަ ކުރުމަށް ވަގުތު ދިނުމަށް ފަހު ދިން "ކޮންޑިޝަނަލް ލައިސެންސް" ގެ ހުއްދަ އެކެވެ.

ނިލަންދޫގެ ކޯޗް، އަހްމަދު މުޖުތޮބާ 'ފެސްކޯ' ބުނީ، ލައިސެންސް ނުލިބި ލީގްގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރުވެސް ހީވި ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށްވެސް މެންޓަލީ އަސަރު ކުރި ކަމަށެވެ.

މެޗު ފެށިގޮތަށް، ދަ ގުރޭންޑޭއިން ވަނީ ނިލަންދޫގެ ގޯލް ހުޅުވާފަ އެވެ. ފުރަތަމަ ޑިވިޝަންގައި ދަ ގުރޭންޑޭގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ އަހްމަދު ވިޖުދާން އެވެ. ނިލަންދޫގެ ޓީމުގެ ފަހަތުން ހެދުނު މިސްޓޭކެއްގައި އުފެއްދި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ވިޖުދާން އެ ބޯޅަ ފޮނުވާލީ ނިލަންދޫގެ ކީޕަރު އަބްދުﷲ ޒިޔަޒަން އަށްވެސް އއްވެސް ފުރުސަތެއް ނުދީ އެވެ.

ނިލަންދޫ ޓީމު މެޗަށް ނިކުތީ ޖުމުލަ ހަތް ޕްރެކްޓިސް އާއެކު އެވެ. އެ ޓީމުން މެޗުގައި ކުޅުނީވެސް ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނަ ނުދިނުމުގެ ގޮތުން ކަން، ގޭމު އަތުރާލާފައިވާ ގޮތުން އެނގެ އެވެ. މުޅި މެޗުގައި ނިލަންދުއަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފަ އެއް ނެތެވެ.

ދެ ވަނަ ހާފު މުޅިން ކަހަލަގޮތަަކަށް، ގުރޭންޑޭއިން ކުޅުނީ ނިލަންދޫގެ ހާފު ތެރޭގަ އެވެ. ދެ ވަނަ ހާފުގައި ފައިސަލް ހުންނަން ޖެހުނީ މާބޮޑު މަސައްކަތެއް ނުކޮށެވެ. ދަ ގުރޭންޑޭގެ ދެ ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ތޮލާލް ނަސީރެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.