ދިވެހި ޕްރިމިއާ ލީގުން، އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކަށް ދެމުން އައި ފުރުސަތު އެފްއޭއެމުން މަޑުޖައްސާލައިފި އެވެ.
އެފްއޭއެމުން 2017 ވަނަ އަހަރު ނިންމާފައި ވަނީ، އަތޮޅުތަކުގެ މުބާރާތް، މިނިވަން ޗެމްޕިއަންޝިޕް -- ޖަޒީރާ ޗެމްޕިއަންޝިޕް -- ގެ ސެމީ ފައިނަލަށް ދަތުރު ކުރާ ހަތަރު ޓީމަށް ޕްރިމިއާ ލީގުން ފުރުސަތު ދިނުމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އަތޮޅު ތެރެއިން ހަތަރު ޓީމު ލީގްގައި ވާދަ ކުރި އެވެ.
މިދިޔަ ސީޒަން ފެށީ ޖޫން މަހު އެވެ. އެހެންވެ އެ އަހަރު މިނިވަން ޗެމްޕިއަންޝިޕް ކުޅެފައެއް ނުވެ އެވެ. މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި އަތޮޅުތެރެއިން ވާދަ ކުރަން ފުރުސަތު ދިނީ، 2018 ވަނަ އަހަރު ވެސް ލީގްގައި ވާދަ ކުރި ހަތަރު ޓީމުގެ ތެރެއިން ގަދަ އަށެއްގެ ތެރޭގައި ހިމެނުނު ދެ ޓީމު ކަމަށްވާ، ށ. ފޯކައިދުއާއި ފ. ނިލަންދުއަށެވެ. އެއީ އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި، އަދި ސެމީ ފައިނަލުގައި ވާދަ ކުރި އަނެއް ޓިމު ކަމަށްވާ ބ. ފެހެންދުއަށް ފުރުސަތު ދީފައި ނުވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ގަދަ އަށަކުން ފުރުސަތު ގެއްލުމުންނެވެ. އެހެން ހަތަރު ޓީމުގެ ބަދަލުގައި މިދިޔަ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި އަތޮޅުތަކަށް ހާއްސަވާ ޖާގައަށް ފުރުސަތު ދިނީ ދެ ޓީމަށެވެ.
ޑިސެމްބަރު މަހު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކުގެ ހަތަރު ޓީމަށް ފުރުސަތު ނުދޭން ނިންމީ، ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ޖަޒީރާ ޗެމްޕިއަންޝިޕް ބޭއްވިފައި ނުވުމުން ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
"އެހެން ކަމުން 2019-20 ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި ކުޅުނު ދެ ޓީމަށް ކުރިއަށް އޮތް 2020-21 ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި ފުރުސަތު ދިނުމަކީ އިންސާފާއި ހަމަހަމަކަން ގެއްލޭނެ ކަމަކަށް ވާތީ ޕްރިމިއިާ ލީގުން އަތޮޅުތެރެއަށް ދެވިފައިވާ ޖާގަ މި ވަގުތަށް ވަނީ މަޑުޖައްސާލެވިފަ އެވެ." އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
މިހާރު ބާއްވަން އިއުލާން ކޮށްފައިވާ ޖަޒީރާ ޗެމްޕިއަންޝިޕް މި އަންނަ އަހަރު ކުރީކޮޅު ބޭއްވިޖެނަމަ އެ މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމަށް ކުރިއަށް އޮތް ސިޒަންގެ ޕްރެޒިޑެންޓް ކަޕުން ޖާގަ ދޭން އެފްއޭއެމުން ވަނީ ނިންމާފަ އެވެ.
ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ޕްރިމިއާ ލީގް މުޅި ރާއްޖޭގައި 2023 ވަނަ އަހަރުން ފެށިގެން ބާއްވާނެ ކަމަށް ، ދެ ވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބު ވުމަށް ފަހު ބައްސާމް ވަނީ އިއުލާން ކުރައްވާފަ އެވެ.