ހަބަރު

ފެށޭ ހަފުތާގައި ރިޔާސީ ކޮމިޝަންތަކަށް ބާރު ލިބޭނެ: ނަޝީދު

Jun 15, 2019
10

މި ފެށޭ ހަފުތާ ނިމެންވާއިރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް އިތުރު ބާރުތައް ލިބިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އުފެއްދެވި އެއް ރިޔާސީ ކޮމިޝަނަކީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އެމަނިކުފާނު އުފެއްދެވި ކޮމިޝަނެކެވެ. އަނެއް ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން އުފެއްދެވި ކޮމިޝަނެކެވެ.

މިހާރު އަވަށްޓެރި ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުތައް ދޭ ބިލު އާ މަޖިލީހަށް އަލުން ހުށަހެޅި، މިހާރު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށެވެ. އަދި ފެށޭ ހަފުތާގެ ތެރޭގައި އަނބުރާ މަޖިލީހުގެ ތަޅުމަށް އައިސް އެ ބިލް ފާސްވެގެންދާނެ ކަމަށެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ކޮމިޝަންތްކުގެ ބިލަށް ވޯޓަށް އަހަން އެކި ޖަލްސާތަކުގައި އެޖެންޑާ ކުރި ނަމަވެސް ގާނޫނީ ގޮތުން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ ބިލަށް ވޯޓަށް އެހޭ ގޮތެއް ނުވި އެވެ. ރައްޔިތުން އެ ކަމެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ބިލުތަކަށް ވޯޓަށް އެހެން އޮންނަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން މަޖިލީހުގައި ހާޒިރުވެ ތިބޭ ނަމަ އެވެ.

ނަޝީދު މިއަދު ވިދާޅުވި ގޮތުގައި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މައްސަލަތަކުގައި ދައުވާ ކުރެވޭ ވަރަށް އެ ކޮމިޝަނަށް މިހާރުވެސް މައުލޫމާތު ހޯދިފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދުގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެ ކޮމިޝަނުގެ ރައީސް ސުއޫދު އަޅުގަނޑަށް މައުލޫމާތު ދެއްވި ގޮތުގައި، މިހާރުވެސް ދައުވާ ކުރެވޭ މިންވަރަށް އެ ކޮމިޝަނަށް މައުލޫމާތު ވަނީ ހޯދިފައި. އެކަމަކު އޭގެ ތަފްސީލެއް އަދި ސުއޫދު އަޅުގަނޑަކަށް ދެއްވާފައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ، އެ ކޮމިޝަނުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް ސުވާލުކޮށްފައި ވަނިކޮށެވެ.

އެގޮތުން އަދީބާއި ސުވާލުކޮށްފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.