ހަބަރު

ސިއްރު ހިފަހައްޓާ ގޮތަށް މަރު ކޮމިޝަނުގެ ގަވައިދު ހަދައިފި

Sep 24, 2019
2

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ރިޔާސީ ކޮމިޝަނަށް ލިބޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަންޖެހޭގޮތަށް އެ ކޮމިޝަނުގެ ހިންގާ ގަވައިދު އެކުލަވާލައި، އަމަލު ކުރަން ފަށައިފި އެވެ.

އިއްޔެ ގެޒެޓުގައި ޝާއިރުކޮށްފައިވާ ގަވައިދުގައިވާ ގޮތުން، މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަކަށް އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް މެންބަރުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، މެންބަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވެސް އެ ކޮމިޝަނަށް ލިބޭ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުން ވަނީ ހިމަނައިފަ އެވެ.

ކޮމިޝަނަށް ލިބޭ މައުލޫމާތުތައް އެހެން ފަރާތަކާއި ހިއްސާ ނުކުރެވޭ ގޮތަށް ގަވައިދު އެކުލަވާލާފައިމިވަނީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާންގެ ރިޕޯޓްގެ ޑްރާފްޓް ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެރުވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ރިޕޯޓް ލިބުމާއެކު ރައީސް ނަޝީދު ވަނީ ޕީޖީ ގުރޫޕްގެ ލީޑަރުންނާ ރިޕޯޓް ހިއްސާ ކުރައްވާފަ އެވެ. އެ ފަހުން ރިޕޯޓްގައި ބައެއް ސިއްރު މައުލޫމާތުތައް ހިމެނޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން އެ ރިޕޯޓްތައް ލީޑަރުންގެ އަތުން އަނބުރާ ހޯދީ އެވެ.

ފަހުން ރައީސް ނަޝީދު ވިދާޅުވީ ލީޑަރުން ސިއްރުތައް ހިފަހައްޓާނެ ކަމަށެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ރިޕޯޓާ ގުޅޭ ގޮތުން ބަހުސްކޮށް ކޮމެޓީގައި ވެސް ރިޕޯޓް ދަނީ ދިރާސާ ކުރަމުންނެވެ. މަޖިލީހުގެ ވެބްސައިޓްގައި ވެސް ރިޕޯޓް ޝާއިއު ކޮށްފައިވެ އެވެ. އޭގެ ފަހުން ބައެއް ސިއްރު މައުލޫމާތުތައް ސޯޝަލް މީޑިއާގައިވެސް ހާމަވެފައިވެ އެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ކޮމިޝަނުން މަޖިލީހަށް ރިޕޯޓް ހިއްސާ ކުރީ އެ މަނިކުފާނުގެ އެއްވެސް އިރުޝާދެއް ހޯއްދަވައިގެން ނޫން ކަމަށާއި އެއްވެސް ފަރާތަކާ ރިޕޯޓް ހިއްސާ ކުރުމަށް އެމަނިކުފާނު ދަންނަވާފައި ވެސް ނުވާނެ ކަމަށެވެ.