ހަބަރު

ސިޔާސީ މުވައްޒަފުންގެ ވިހޭގެ ޗުއްޓީއަށް ބަދަލުގެނެސްފި

ސިޔާސީ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ (ވިހޭގެ ޗުއްޓީ) އަށް އަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފި އެވެ.

ސިޔާސީ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދޭ ހަމަހުގެ ޗުއްޓީ ގެޒެޓްގައި ޝާއިއު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެ އެވެ. އެ އުސޫލުގައިވާ ގޮތުން ވިހެއުމާ ގުޅިގެން ދޭ ޢިނާޔަތްތައް ދެވޭނީ ބަލިވެއިނދެ 27 ހަތާވީސް
ހަފުތާގެ ފަހުން ވިހައިފި ނަމަ އެވެ.

އިސްލާހު ކޮށްފައިވާ އުސޫލުގައިވާ ގޮތުން މުވައްޒަފަކު ބަލިވެއިނދެ 27 ހަފުތާގެ ފަހުން ވިހޭއިރު، ދަރިފުޅުގެ ފުރާނަ
ނެތްނަމަ، ވިހެއުމާއި ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީ ވިހާ ދުވަހުން ފެށިގެން ދެވޭނެ އެވެ. އެ މުއްދަތުގައި ބަންދު ދުވަސްތައް ނުހިމަނައި، މުސާރަ ދެވޭނެ ކަމަށް އެ އުސޫލުގައި ވެއެވެ.

ބަލިވެ އިންތާ 16 ހަފްތާ އަށް ވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ބައިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށެހެޅުމުން 10 ދުވަހުގެ ޗުއްޓީ އެއް ލިބިގެންދާނެއެވެ. ވިހެއުމާ ކައިރިވިމުން ނުވަަތަ ބައްޔެއްގެ ސަބަބުން އޮފީހަށް އައުމަށް އުޒުރުވެރިވާ ނަމަ، ހަ މަސް ދުވަހުގެ ޗުއްޓީއިން ނުކެނޑޭ ގޮތަށް ގިނަ ވެގެން 30 ދުވަހުގެ ޗުއްޓީ މުވައްޒަފަކަށް ދެވިދާނެ އެވެ.

މީގެ އިތުރުން އުސޫލުގައި ބުނެފައިވަނީ ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަލިބޭގޮތަށް 30 ދުވަހުގެ ޗުއްޓީ ދެވޭނެ ކަމަށެވެ. އެ ޗުއްޓީ ހަމަވުމުން ދަރިފުޅަށް 7 މަސް ވުމާ ދޭތެރޭގައިވާ މުއްދަތުގައި ބަންދު ދުވަސްތަކާއި މުސާރަ ހިމަނައިގެން 27 ދުވަހުގެ ޗުއްޓީއެއް ދެވޭނެ ކަމަށެވެ.

އަދި ދަރިިފުޅު ހިތާނުކުރުމާ ގުޅިގެން ބަންދު ދުވަސްތައް ހިމަނައިގެން ފަސް ދުވަހުގެ ޗުއްޓީ އެއްވެސް ލިބޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަމަސް ދުވަސް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ސަރުކާރާއި އަމިއްލަ ކުންފުނި ތަކުން އަންނަނީ އެ ގޮތަށް އަމަލުކުރުމުންނެވ.