ދިވެހި ޕްރެމިއާ ލީގް

ފޯކައިދޫއިން ޔުނައިޓަޑް ވިކްޓަރީ ބަލިކޮށްފި

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ފޯކައިދޫ ފުޓްބޯޅަ ކުލަބުން މޮޅަކާއެކު ލީގް ފަށައިފި އެވެ.

މިދިޔަ ދެ އަހަރު ދިވެހި ލީގު ޖާގަ ކަށަވަރު ކުރެވެން އޮތީ މާލޭ ލީގްގެ ކޮލިފިކޭޝަންގެ ތެރެއިން އިންނެވެ. ކޮލިފިކޭޝަންގެ ގަދަ ޓީމުގެ ތެރެއަށް ނުވަދެވުމުން ޔުނައިޓަޑް ވިކްޓަރީއަށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބެ އެވެ. މިއަހަރު ފުޓްބޯޅަ ކަލަންޑަރު ބަދަލު ގެނެސް މާލޭ ލީގް އުވާލުމަށް ފަހު އަހަރުގެ ފުރަތަމަ މުބާރާތަކީ ދިވެހި ލީގެވެ.

ޔުނައިޓަޑް ވިކްޓަރީވެސް އާ ސީޒަނަށް ނިކުތީ، މިދިޔަ އަހަރަށް ވުރެ ވަރުގަދަ ކޮށްގެންނެވެ، ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ، ޝާފިއު އަހްމަދު، ޝާފީ އާއި އަހްމަދު ނާޝިދު 'ނާއްޓޭ' ގެ އިތުރުން ކުރިން މާޒިޔާއަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ މިލޯސްވެސް ހިމަނައިގެންނެވެ.

އާ ސީޒަނާ ފޯކައިދޫއިންވެސް ކުރިމަތިލީ، މިދިޔަ އަހަރު އޮތް ޓީމަށް ތަޖުރިބާކާރު ކުޅުންތެރިން އިތުރު ކޮށްގެންނެވެ. ކުލަބު އީގަލްސްގެ ޔޫތު ސިސްޓަމްގެ ތެރެއިން އައިސް އެ ކުލަބުގެ ސީނިއާ ޓީމަށްވެސް ކުޅުނު އަންސަރު އިބްރާހިމް 'އަންކޮ' އާއި ގުރީން ސްޓްރީޓާއި ވިކްޓަރީއަށް ކުޅުނު އަލީ ޝާމިސް 'ތޮއްޕެ' ވެސް ފޯކައިދޫ ޓީމުގައި ހިމެނެ އެވެ.

ފުރަތަމަ ހާފު، ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެެއް ނުޖެހި އެވެ. ދެ ވަނަ ހާފުގައި ނިކުމެ ފުރަތަމަ ލީޑް ނެގީވެސް ފޯކައިދުއިންނެވެ. އެ ޓީމުގެ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ޝާމިއު އެވެ.

ނަތީޖާ ހަމަހަމަ ކުރަން، ޔުނައިޓަޑް ވިކްޓަރީއަށް ބޭނުންވީ، ހަތަރު މިނެޓްވެ. މެޗުގެ 70 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މި ސީޒަނަށް އެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖެއްސި ނާއްޓޭ އެވެ.

ފޯކައިދުއިން ލީޑް ނެގީ ފަސް މިނެޓް ފަހުންނެވެ. އެ ޓީމު މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ހަސަން ފުއާދު އެވެ.