ހަބަރު

އުރީދޫން ރާއްޖެއަށް އީ ސިމް ތައާރަފުކޮށްފި

އުރީދޫ އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް އިލެކްޓްރޯނިކް ސިމް (އީސިމް) ތައާރަފުކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އީ ސިމް ތައާރަފު ކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ، އަމިއްލަ ބޭނުމަށާއި ވިޔަފާރި ކުރުމަށް ގިނަ ނަމްބަރުތައް ބޭނުންކުރާ ކަސްޓަމަރުންނަށް މި ހިދުމަތުގެ ފަސޭހަ ލިބޭނެ ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓުއަރިސްޓުންނަށް ރާއްޖެއަށް ޒިޔާރަތް ކުރުމާއެކު ވަގުތުން ނަމްބަރު އެކްޓިވޭޓް ކޮށްލުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

"އެންމެ ފޯނެއްގައި އެތައް ނަންބަރުތަކެއް ބޭނުންކޮށްލުމުގެ ފަސޭހަ ފަހިކޮށް ދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ޚިދުމަތުގެ ސަބަބުން، ރާއްޖެއަށް ޒިޔާރަތްކުރާ އެތައް މިލިއަން ޓުއަރިސްޓުންގެ ދަތުރު ފެށުމުގެ ކުރިންވެސް އުރީދޫ ޓުއަރިސްޓް ސިމެއް ގަނެ، ރާއްޖޭގައި ފްލައިޓް ޖެއްސުމާއެކު ނަމްބަރު އެކްޓިވޭޓް ކޮށްލުމަށް މަގުފަހިވާނެ،" ނަޖީބު ހާން ވިދާޅުވިއެވެ.

އީ ސިމް މެދުވެރިކޮށް ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭން ޚިޔާރު ކުރެއްވޭނެ އެވެ. މި ހިދުމަތް ބޭނުން ކުރެވޭނީ އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އަދި ގޫގުލް ޕިކްސެލް 3 ބޭނުން ކުރާ ކަސްޓަމަރުންނަށެވެ.

މި ސިމް މެދުވެރިކޮށް ފޯނަށް އެ ފޯނެއްގެ ކެޕޭސިޓީއާ އެއްވަރަށް ސިމް ޑައުންލޯޑް ކުރެވޭނެ އެވެ.

މި ހިދުމަތް ހޯދުމަށް

  • އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ، އީސިމް ޕޭޖަށް ދޭ
  • ބޭނުންވާ ޕްލޭން ޚިޔާރުކުރޭ
  • ފޯން ނަމްބަރު ރަޖިސްޓަރީ ކުރޭ
  • އޮންލައިންކޮށް ފައިސާ ދައްކާ
  • ލިބޭ ކޮންފަމޭޝަން އެސްއެމްއެސް ގައިވާ ކިއްއާރް ކޯޑު ސްކޭންކުރުމަށްފަހު، އެކްޓިވޭޓްކޮށް، ޚިދުމަތް ބޭނުން ކުރޭ