ހަބަރު

ސައުދީ އަދި ޗައިނާއަށް ސަފީރުން އައްޔަންކުރައްވައިފި

ޗައިނާ އާއި ސައުދީ އަރަބިއްޔާގެ ސަފީރުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. މިއަދު އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ މާފަންނު ބީނާފުށި އާއިޝަތު އަޒީމާ އާއި ގަލޮޅު އުތުރުގެއާގެ މުހައްމަދު ހަލީލެވެ.

މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ޗައިނާގެ ސަފީރުކަމަށް ކަނޑައެޅުއްވި އާއިޝަތު އަޒީމާ އަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަޤާމާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމާއި ޖޮއިންޓް ސެކްރެޓަރީގެ މަޤާމު ވެސް ވަނީ އަދާކުރައްވާފައެވެ. އަޒީމާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގެ އެކި ފަންތީގެ މަޤާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފައެވެ.

ސައުދީގެ ސަފީރުކަމަށް ކަނޑައެޅުއްވި މުހައްމަދު ހަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަޤާމުތައް ފުރުއްވާފައެވެ.