ދުނިޔެ

އައިއެސްގެ ވަރުގަދަ ހަމަލާ އަށް ފަހު ތުރުކީން ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަނީ

Jul 21, 2015

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ތުރުކީގެ އަވަށެއްގައި އިއްޔެ ދިން ވަރުގަދަ ބޮމުގެ ހަމަލާ އަށް ފަހު، ބޯޑަރުގެ ސަލާމަތީ ކަންކަން މިހާރަށް ވުރެ ވަރުގަދަކުރަން ތުރުކީން ނިންމައިފި އެވެ.

ބޯޑަރު ސަރަހައްދުގައި އޮންނަ ތުރުކީގެ ސުރުުކު އަވަށުގައި އިއްޔެ މެންދުރެއްހާއިރު ދިން ބޮމުގެ ހަމަލާގައި ތިން މީހުން މަރުވެ، އިތުރު 100 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބުނެވެ.

މި ހަމަލާ އަށް ފަހު، ބޮޑުވަޒީރު އަހުމަދު ދަވުތޮގުލޫ ވިދާޅުވީ އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ހަމަލާއެއް ކަމަަށާއި އެ ޓެރަރިސްޓް ޖަމާއަތާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ތުރުކީން އަޅަމުން ގެންދާނެ ކަމަށެވެ. އެ ގޮތުން، ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރުގެ ސަލާމަތީ ފިޔަވަޅުތައް އެތައް ގުނައަކަށް އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ޓެރަރިޒަމްގެ މިފަދަ އަމަލުތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ހޯދައި އެ މީީހުންނަަށް ހައްގު އަދަބު ދިނުމުގެ ހިތްވަރު ވެސް އަހަރުމެންގެ ކިބައިގައި އެބަހުރި،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ސީރިއާ އާއި ތުރުކީގެ ބޯޑަރުގެ މައްސަލަ، ސީރިއާގެ ދާހިލީ ހަނގުރާމައާ އެކު ވަނީ ބޮޑުވެފަ އެވެ. އެ ގޮތުން، ސީރިއާ ދޫކޮށް ގޮސްފައިވާ މީހުންގެ އަދަދު ހަ މިލިއަނަށް އަރާފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ރެފިއުޖީން، 1.8 މިލިއަން މީހުން، ގޮސްފައިވަނީ ތުރުކީއަށެެވެ. އަދި ބޯޑަރު ކައިރީގައި ހަނގުރާމަ ހޫނުވަމުންދާ މި ދަނޑިވަޅުގައި ތުރުކީ އަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މީގެ އިތުރުން، އައިއެސްއާ ގުޅުމަށް ތުރުކީގެ ބޯޑަރު ހުރަސްކޮށް ސީރިއާ އަށް ހަނގުރާމަވެރިން އެތެރެވާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެ މައްސަލަތައް ހައްލުކުރުމަށް ތުރުކީ ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ބޭރުގެ ފަރާތްތަކާއި ތުރުކީގެ އާއްމުން ވެސް ދަނީ ބުނަމުންނެވެ. އިއްޔެގެ ހަމަލާ އަށް ފަހު އެ މައްސަލަ އިތުރަށް ގޯސްވެ، ވެރިރަށް އަންކާރާ އާއި ބައެއް ބޮޑެތި އެހެން ސިޓީތަކުގައި އާއްމުން ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ.

އައިއެސް އަށް ނިސްބަތްވާ ކަމަށް ބެލެވޭ އަންހެން ހަނގުރާމަވެރިއަކު ޖާނުން ފިދާވެގެން އިއްޔެ ދިން ހަމަލާ އަމާޒުކޮށްފައިވަނީ ބޯޑަރުގައި އޮންނަ ސީރިއާގެ މުހިއްމު އަވަށް، ކޮބާނީ އަށް އެތެެރެ ވާން އުޅުނު އެކްޓިވިސްޓުންގެ ގްރޫޕަކަށެވެ.

އެއީ އައިއެސް އަށް މިހާރު ކޮންޓްރޯލް ގެއްލިފައިވާ ކޮބާނީ އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެ އަވަަށަށް ދާން އުޅުނު ޒުވާނުންތަކެކެވެ. މި ހަމަލާ ދިނީ ޔުނިވަސިޓީ އަށް ދާ އުމުރުގެ ޒުވާނުން ހިމެނޭ އެ ގްރޫޕުގެ ޕްލޭންތައް ހިއްސާކުރުމަށް ސުރުކުގެ ސަގާފީ މަރުކަޒެއްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގެ ތެރެއިންނެވެ.

އައިއެސް އިން ފުރަތަމަ ކޮބާނީ ހިފީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު، ކުރުދީ ހަނގުރާމަވެރިން ވަނީ މިދިޔަ ޖެނުއަރީ މަހު ކޮބާނީ އައިއެސްގެ އަތްދަށުން މިނިވަންކޮށްފަ އެެވެ. އޭގެ ފަހުން މިދިޔަ މަހުގެ ފަހުކޮޅު ވެސް އައިއެސް އިން ކޮބާނީ އަލުން ހިފި އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ ކުރުދީން ވަނީ އެ އަވަށުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލާފަ އެވެ.