ސުޕްރީމް ކޯޓުން ނިންމާ ކޮންމެ ނިންމުމަކީ މިއަދު ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށާއި ކޮންމެ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ސުޕްރީމް ކޯޓަކީ ރާއްޖޭގައި ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފަހު ބަސް ބުނަން އޮންނަ ތަން ނޫން ކަމަށެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ ރާއްޖޭގައި ހިނގާ ކޮންމެ ކަމެއްގައި އެންމެ ފަހު ބަސް ބުނަން ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.
"ސުޕްރީމް ކޯޓުން ނިންމާ ކޮންމެ ނިންމުމެއް މިއަދު ބަލައިގަނެވޭކަށް ނެތް، އެއީ އެންމެ ސައްހަ ނިންމުން ކަމަށް ބަލައެއް ނުގަނެވޭ. އަޅުގަނޑުމެންގެ ގަބޫލު ކުރަން ޖެހޭ ސުޕްރީމް ކޯޓުން ވެސް ގޯހެއް ހަދާފައި ވާނެ ކަމަށް. 1 ފެބްރުއަރީގެ އަމުރުގެ އެއްބައި ސައްހަވެފައި އަނެއްބައި ސައްހަ ނޫން ކަންވެސް ކަނޑައެޅީ އެތަނުގެ ތެރެއިން. އެ ހުރިހާ ކަމެއް ވާން ފެށީމަ ސުޕްރީމް ކޯޓުގެ އިހުތިސާސާއި މަސައްކަތަކާ ދޭތެރޭގައި ރައްޔިންގެ އިތުބާރު ނެއްތަން ފެންނަމުން މިދަނީ،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓަކީ ރާއްޖޭގައި ދިމާވާ ކޮންމެ ކަމަކަށް ގޮތްނިންމާ ފައިސަލާ ކުރާ ބައެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) ބަޔާން ކޮށްދެނީ އެ ކޯޓަކީ ޝަރުއީ މައްސަލަތަކުގައި މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށާއި އެކަން ސުޕްރީމް ކޯޓަށް އަންގައިދޭންޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"1 ފެބްރުއަރީގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ހާދިސާއަކީ ވެސް އަޅުގަނޑުމެން ފުރިހަމަށް ދިރާސާކޮށްފި ނަމަ ސުޕްރީމް ކޯޓުން ނުވަތަ ޖުޑިޝަރީން ގެނައި ބަޣާވާތްތެއް، އެދުވަހުު ރާވާފައި އޮތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގުމަތި ކުރަން، މިއަދު ރައްޔިތުން ކަންބޮޑުވާ އެއްކަމަކީ އަނެއްކާ ވެސް ސަރުކާރަށް ނުވަތަ މަޖިލިހަށް ސުޕްރީމް ކޯޓަށް މިގޮތަށް ތަޅާ ފޮޅަން ޖެހުން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓާއި ޖުޑީޝަރީގެ މައްސަލަތައް މިހާރު ވަރަށް ސީރިޔަސް ކަމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ހިތްވަރާއެކު ކުރަން ޖެހޭނެ ކަމަށެވެ.
"ބޮޑު ދެގެރި ތަޅަންޔާ ކައްގަލަށް ބާރު ކުރާނެ، މިކަމުގެ ސަބަބުން ހުރިހާ އުނދަގުލެއް ހުރިހާ ދުއްތުރާލެއް ޖެހެނީ ރައްޔިތުންނަށް، ރައްޔިތުންގެ ކަނބޮޑުވުން އިންތިހާއަށް އެބަހުރި، އެހެންވެ މި މައްސަލަ އަޅުގަނޑުމެން މަޖިލިސް އިން އެބަޖެހޭ ސީރިއަސްކަމާއެކު ބަލަން،" އޭނާ ވިދާޅުވި އެވެ.