މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ސަމާލު: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ

ރާއްޖެއަށް މޫސުން ގޯސްވެ މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭތީ ސަމާލުވެ ތިބެން އެޑްވައިޒަރީއެއް ނެރެފި އެވެ.

މިއަދުގެ މޫސުން ލަފާކޮށް، މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން އައްޑު އަޮތޮޅައި ހަމައަށް ވައިޓް އެލާޓެއް ނެރެފަ އެވެ. މި ދެ މެދުގެ އަތޮޅުތަކަށް ބޯކަށް ވާރޭ ވެހި، ކޮޅިގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.

މޫސުން ގޯސްވެފައިވާއިރު ރޭ ފަތިހު ދ. މާއެނބޫދޫ އަށް އުދަ އަރައި ރަށުގެ ބޮޑު ބައެއްގައި ފެންބޮނޑުވެފައިވާއިރު ފުވައްމުލަކުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮނޑުވެ ގޭގެއަށް ފެން ވަނެވެ.

ރާއްޖެއާއި ދުރުން އަރަބި ކަނޑުގައ އިންޑިއާގެ މުމްބާއީގެ ހުޅަނގުދެކުނުން 280 ކިލޯމީޓަރާއި ދުރުގައި "ވާޔޫ" ކިޔާ ތޫފާނެއް އުފެދި އެތޫފާން ބާރު ވަނީ ގަދަވާން ފަށާފަ އެވެ. މެޓް އޮފީހުން ކުރިން ބުނެފައިވަނީ، ތޫފާން ވާޔޫގެ އަސަރު ރާއްޖެއަށް ސީދީކޮށް ނުކުރި ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

އަހަރުގެ މޭ މަހާއި ޖޫން އަދި ޖުލައިގެ ދުވަސްވަރުގައި ރާއްޖެއަށް އަބަދުވެސް އުދަ އަރަ އެވެ.