ހަބަރު

އަމާޒަކީ ކާބޯތަކެތީގެ ސާފުތާހިރުކަން ކަށަވަރު ކުރުން: ހެލްތު

ރާއްޖޭގައި ތައްޔާރުކޮށް ވިއްކާ ކާނާ އަކީ ސުފުރާ މައްޗަށް އަރުވާއިރު ރައްކާތެރި ކާނާއަށް ހެދުމަކީ ހެލްތު މިނިސްޓްރީގެ އަމާޒު ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

"ނުވަގަޑި މީޑިއާއާ އެކު" މި ނަމުގައި ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދިނުމުގެ ސެޝަނެއްގައި މިއަދު ހެނދުނު ބާއްވާފަ އެވެ.

މި ސެޝަންގަައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ބުނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ރެސްޓޯރެންޓުތަކުގެ އިތުރުން މާލޭގައި ކާބޯތަކެތި ވިއްކާ ގާޑިޔާތަކުގައި ވިއްކާ ތަކެއްޗަކީ ސާފުތާހިރު ކާނާއަށް މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަންނަ އާއްމު މައްސަލަތަކާއި ރިކުއެސްޓުތަކަށް ބަލާފައި މިފަދަަ ތަންތަން އަޅުގަނޑުމެން ޗެކް ކުރަން. ހަމަ އެހެންމެ ގާޑިޔާތައްވެސް އިންސްޕެކް ކުރަން"

އެޗްޕީއޭ އިން ބުނީ މާލޭގައި ހުރި ގާޑިޔާތަކުގައި ވިއްކާ ތަކެތި ގަވައިދުން ޗެކް ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، ގާޑިޔާތަކުގައި އުފައްދައިގެން ވިއްކާ ކާތަކެއްޗަކީ އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ ތަކެތިތޯ ބެލުމަށް ސިޓީ ކައުންސިލާ ގުޅިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

މާލޭގައި ރަޖިސްޓްރީ ކޮށްފައި ހުރި ގާޑިޔާތަކުން ވިއްކާ ކާނާގެ ސާފުތާހިރުކަމާމެދު އާއްމުންގެ ސުވާލުތައް އެޗްޕީއޭ އަށް ވަނީ މީގެ ކުރިން އަމާޒުކޮށްފަ އެވެ. ސިޓީކައުންސިލްގައި ރަޖިސްޓްރީކޮށް 37 ގާޑިޔާ މާލޭގެ ކާނިވާ ސަރަހައްދާއި މަސްވެރިންގެ މައިޒާން އަދި އެސްޓީއޯ ފުރަގަަހުގައި އޮންނަ ހަނި މަގުގައި އޮވެ އެވެ.

މިއަދުގެ ސެޝަންގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވެސް ވަނީ ބަންދުކޮށް ވިއްކާ ކާނާގެ ރައްކާތެރިކަން ދާއިމީކޮށް ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އެގޮތުން، އަތޮޅުތެރެއިން އުފައްދައިގެން ގެނެސް މާލޭގައި ވިއްކާ މަސްމިރުސް އަދި މަސްފަތް ކަހަލަ ޕެކެޓުތަކަކީވެސް ސާފްތާހިރު ރައްކާތެރި ތަކެތިތޯ ބެލުމަށް މޮނީޓާ ކުރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"އަތޮޅުތެރޭން މި ގެންނަ ލޯކަލް ތަކެއްޗާއި މާލޭގައިވެސް އާއްމުން އުފައްދާ ލޯކަލް ޕްރޮޑަކްޓްސް އަކީ، ސާފްތާހިރު ރައްކާތެރިތަކެތިތޯ ބަލާނެ ސީދާ ގަވައިދެއް މިހާރު ހެދިފައި ނެތަސް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވައިދެއްގެ މަސައްކަތް މިހާރު ކުރަމުން ދަނީ. އަދި މި ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެމްއެފްޑީއޭ އިން މިދަނީ މިކަމުގެ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ރަށްރަށުގައި ބާއްވަމުން. އޭގެ ސަބަބުން އާއްމުން އެކަމަށް ހޭލުންތެރިވާނެ" އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ އަމާޒަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދަނޑުން ފަށައިގެން ސުފުރާމައްޗަށް ގެނައުމެވެ. އެގޮތުން، ބަންދުކޮށް ވިއްކާ ކާއެއްޗެހީގައި ލޭބަލް ކުރުމާއި ވިއްކާ ކާނާއަކީ ސާފްތާހިރު ކާނާތޯ ބަލާ، ރެގިއުލޭޓް ކުރުމުގެ މަސައްކަތްތަކެއް އަތޮޅުތަކުގެ ސިއްހީ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދިޔުމަށް ވަނީ ރާވާފަ އެވެ.