މާލެ އާއި ވިލިމާލޭގައި މިދުވަސްވަރު ޑެންގީ ހުން އިތުރުވުމާ ގުޅިގެން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ މާލެ އާއި ވިލިމާލޭގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ދެނެގަނެ އެފަދަ ތަންތަނަށް ފޮގު ކުރުުމާއި ބޭސް އެޅުމާއި އަދި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމުގެ މަސައްކަތް ފަށާފަ އެވެ.
މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ ގަވައިދުން ކުރާ ކަމަކަށްވީ ނަމަވެސް ޑެންޖީ ހުން ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވުމާ ގުޅިގެންނާއި އެޗްޕީއޭ އިން ވެސް ބައެއް ކަންކަމަށް ސަމާލުވުމަށް އަންގަމުންދާތީ މަދިރި ކޮންޓްރޯލް ކުރުމަށް ކައުންސިލުން މިދުވަސްވަރު ހާއްސަ އިސްކަމެއް ދޭ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
އީދު ބަންދާ ދިމާކޮށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި އެފަދަ ބަލިތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ. އެގޮތުން މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވާކުރުމަށާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުމަށް ވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.
މީގެއިތުރުން މަދިރިން ރައްކާތެރިވުމުގެ ގޮތުން ދުވާލުގެ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުމަށް ވެސް އެދިފައިވެ އެވެ. އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުންނާއި ކުޑަކުދިން އަދި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީ ހުމަކީ ނުރައްކާތެރި ބައްޔަކަށް ވާތީ މަދިރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭ އިން އެދެ އެވެ. އަދި ތިން ދުވަހަށް ވުރެ ގިނަ ދުވަހަށް ހުން ދިގުލައިގެންދާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެ އެވެ.